ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ވާހަކައަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތަށް ދިވެހިން ނުކުތް އިރު ފެށި ވާހަކަ އެވެ. އޭރު އޮތް ސަރުކާރާއި އޭރުގައި އިދިކޮޅު ފަރާތްތަކުގެ ވިސްނުން ވެސް އެކަމުގައި ކީ އެކައްޗެކެވެ. ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާ އިރު ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް އެންމެން ވެސް ބުންޏެވެ.

ތަފާތު ވާހަކައެއް ދެއްކީ ތާރީހު ދިރާސާ ކުރާ މީހުންނެވެ. އެމީހުން ބުނީ އެއީ ކުރިން ވެސް ރާއްޖެ ތަޖުރިބާކޮށް ފޭލިވެފައިވާ ނިޒާމެއް ކަމަށެވެ. ދެންވެސް ވާނީ އެހެން ކަމަށެވެ. ނުފޫޒު ހުރި މީހުންނާއި ގާބިލު ނޫން މީހުންގެ އަތްދަށުގައި ކައުންސިލްތައް ކަންފަތިވެ، "ފިތުނަގަނޑެއް" އުފަންވުން ނޫން ކަމެއް ހާސިލު ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުވާކުރި ލޯކަލް ކައުންސިލްތަކުގެ މެމްބަރުން ހުވާކުރުން ވީ އަތޮޅުތަކުގެ ރައްޔިތުން އެތައް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމަށެވެ. އަދި ރާއްޖެ އަށް ތާރީހީ ބޮޑު ބަދަލެއް އައިސް ހިނގުމުގެ އާ ނިޒާމެއްގެ ތެރެއަށް ގެންދިއުމަށެވެ.

މާދަމާއަކީ ކައުންސިލްތަކުގެ އިންތިހާބު ބޭއްވި ދުވަހެވެ. ކައުންސިލްތަކަށް އަހަރުވަނީ އެވެ. މިހާރު ކުރެވޭ ސުވާލަކީ އެ ކައުންސިލްތަކަށް ކުރެވުނީ ކޮން ކަމެއްހެއްޔޭ އެވެ؟ ހާސިލް ކުރެވުނީ ކޮން ނަތީޖާއެއް ހެއްޔޭ އެވެ؟

އެންމެވެސް ބުނާނީ ވާދަވެރި އިންތިހާބަކަށް ފަހު އައި ލޯކަލް ކައުންސިލްތަކަށް ގާނޫނުން ކަނޑައަޅާފައިވާ ދައުރު އަދާކުރެވިފައި ނުވާ ކަމަށެވެ. ގިނަ ކައުންސިލްތަކަކީ ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތައް ދަސްކޮށްފައިވާ އެންމެ ފަސޭހަ ނިޒާމު ކަމަށްވާ ބަޔާން ނެރުމުގައި ދެމި ތިބި ކައުންސިލުތަކެވެ. އަނެއް ބައި ކައުންސިލްތައް އޮތީ އަދިވެސް ހިނގައި ނުގަނެ އެވެ. ވާނުވާ އޮޅުން ނުފިލައިގެނެވެ.

ބައެއް ކައުންސިލުތަކުގައި ޝަކުވާތައް ގިނަވެފައިވާ އިރު އަނެއް ބައި ކައުންސިލްތަކުން އުޅެނީ ތާކުންތާކު ނުޖެހޭ ކުދިކުދި ކަންކަމުގައި ހިފައި ތަހުގީގު ހިންގުމުގަ އެވެ. ދެންތިބި ބަޔަކު ނަމަ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އަވަދި ނެތި އެވެ. މިހާތަނަށް އައިރު ބައެއް ގޮނޑި ހުސްވެ، ބޮޑެތި މައްސަލަތައް ނުކުމެ ބައި އިލެކްޝަންތައް ވެސް ވަނީ ބާއްވާފަ އެވެ. ބޯމަތީގައި ބައި އިލެކްޝަންތައް ހުރި އިރު އަނެއް ބައި ކޯޓްގަ އެވެ.

ކައުންސިލްތަކަށް މަސައްކަތްކުރެވޭނެ ގޮތެއް ފަހިކޮށް ނުދީ، ގައުމީ އިދާރާ މެދުވެރިކޮށް މުއާމަލާތުކުރަމުން ދިއުމަކީ ބައެއް ކައުންސިލްތަކަށް ދިމާވެފައި އުނދަގުލެކެވެ. ކައުންސިލަށް ވުރެ ގައުމީ އިދާރާތަކުގެ ބާރު މާގަދަ އެވެ. އިދިކޮޅު ޕާޓީއެއްގެ މެޖޯރިޓީ އޮތް ކައުންސިލެއް ނަމަ ބުނަނީ ސަރުކާރުން ޖެއްސުން ކުރަނީ ކަމަށެވެ. ސަރުކާރު ހިންގާ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއް ނަމަ ޒިންމާދާރު އިސްވެރިޔާ ހުރަސް އެޅުއްވުމުގެ ޝަކުވާގަ އެވެ.

ރާއްޖެ އަށް ލާމަރުކަޒީ އުސޫލު ތައާރަފު ކުރުމުގެ ހިޔާލު ގެންގުޅުއްވާ އެކަމަށް އެންމެ ބޮޑަށް ބާރު އެޅުއްވެވި އަދި މިހާރު ވެސް ލޯކަލް ކައުންސިލްތަކުގެ މެމްބަރުން ތަމްރީނު ކުރައްވައި ގާބިލް ބަޔަކަށް ހެއްދެވުމަށް މަސައްކަތްތަކެއް ކުރައްވަވާ ކުރީގެ އެޓޯލްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން (ޑީން) ވިދާޅުވީ ލޯކަލް ކައުންސިލްތަކުން ލިބިވަޑައިގެންނެވި ހަމަ އެކަނި އުފަލަކީ "ކައުންސިލްތައް ވުޖޫދަށް އައުން" ކަމަށެވެ.

"އަޅުގަނޑު ހިތްހަމަ ޖެހެނީ ކައުންސިލްތައް ދުނިޔެއަށް އައިމާ، އެހެން ނަމަވެސް އެއްވެސް ކަމަކީ ފަށާއިރުގައި މުޅިން ފުރިހަމައަށް ހުންނާނެ ކަންތައްތަކެއް ނޫން،" ޑީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ނަތީޖާ ނެރުމަށް ޓަކައި ފުރިހަމަ ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. ކައުންސިލްތައް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަށް ސަރުކާރުގެ އިހުލާސްތެރިކަން ބޭނުންވެ އެވެ.

"މިހާރު މިހުރިހާ ކައުންސިލްތައް ހިނގުމުގައި އެބަހުރި ވަރަށް ބޮޑެތި ގޮންޖެހުންތައް ދެއްތޯ؟ ކައުންސިލްތަކަށް ފައިސާ ލިބުމާއި ކައުންސިލްތައް ހިންގުމުގެ ކަންތަކަށް ސަރުކާރުން ވެސް އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީން ވެސް ވަރަށް ބޮޑު އެހީވާން އެބަޖެހޭ، އެއީ ސަރުކާރުގެ އިހުލާސްތެރިކަން ބޭނުންވާ ހިސާބު،" ޑީން ވިދާޅުވި އެވެ.

ރާއްޖެ ލާމަރުކަޒު ކުރުމުގެ ހިޔާލު ގެންގުޅުއްވެވި ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ޖެހޭ އިރު އެ ގާނޫނު މިހާރު އޮތް ގޮތަށް ވެސް ތަންފީޒުވެގެނެއް ނުދެ އެވެ. އަދި ސަރުކާރާ ލޯކަލް ކައުންސިލްތަކާ ދެމެދަށް ފަށަލަތަކެއް ވަދެ ލޯކަލް ގަވަނެންސްގެ މަގުސަދު ވަނީ އޮޅިފަ އެވެ.

"ލޯކަލް ގަވަމެންޓްގެ ގާނޫނުގެ ނިޒާމުގެ ތެރެއަކު ނުހުންނާނެ އެކިއެކި ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރުން ނުވަތަ ޑެޕިއުޓީ މިނިސްޓަރުން ލެވުމާ، މިފަދަ ކަންތައްތަކެއް،" ޑީން ވިދާޅުވި އެވެ.

އަހަރެއްވީ އިރު އެއްވެސް ނަތީޖާއެއް ހާސިލުނުވި ތާނގައި އެއްވެސް ވައްޓަފާޅިއެއް ވެސް އަށަ ނުގަން ކައުންސިލުތަކުން ތިބީ ޝަކުވާ ކުރުމުގެ ތެރޭގަ އެވެ. އެމީހުންގެ ޝަކުވާތަކުގެ ތެރޭގައި ކައުންސިލްތަކަށް ބިންތައް ލިބުމާއި ފައިސާ ހޯދޭނެ މަގު ތަނަވަސްވެފައި ނެތުމަކީ ކައުންސިލްތަކުގެ މެޝިން ހުއްޓުން ކަމަށް ބުނާ ބުނުން ހިމެނެ އެވެ.

ކައުންސިލްތަކުގެ ބަޖެޓް މައްސަލަ ކުޑަ މައްސަލައެއް ނޫނެވެ. ހުރިހާ ކައުންސިލެއްގެ ވެސް ޝަކުވާ ލިސްޓްގައި ބަޖެޓްގެ މައްސަލަ އޮންނަ އިރު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތަންތަނުގެ މައްސަލަ އާއި އެދެމެދަށް ފިނޭންސް މިނިސްޓްރީ އާއި ފުލުހުންނާއި ހޯމް މިނިސްޓްރީވަދެ މުޅި ނިޒާމް ވަނީ މަސްހުނިގަނޑަކަށް ވެފަ އެވެ.

"ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނެނީ ރަށުގެ ކިހާ ހިސާބެއް ކަމެއް އަދިވެސް ނޭނގޭ، ތަނެއް ކުއްޔަށް ދީގެން ފައިސާ ހޯދެން އަންނަނީ ވެސް ފުރަތަމަ އެކަން ސާފުވެގެން، ފައިސާ ހޯދޭނެ ގޮތެއް ނެތް،" ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ރ. ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު ޒުބައިރު ވިދާޅުވި އެވެ.

ބައެއް ކައުންސިލަރުން ވިދާޅުވާ ގޮތުގައި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކުގެ އިތުރުން ކައުންސިލްތައް ހިންގަން ރަނގަޅަށް ނޭނގުމަކީ ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

"މިއީ މުޅިން އަލަށް ފެށި ކަމެއް، މިކަމުގައި އަޅުގަނޑުމެން ރަނގަޅަށް ކުރިއަށް ދިއުމަށް އަޅުގަނޑުމެންނަށް ތަމްރީނު ބޭނުންވޭ، އަޅުގަނޑު ދެކޭ ގޮތުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް،" ކައުންސިލް ނިޒާމް ގެނައުމަށް ގަދަ އެޅުއްވެވި ޑީން ޗެއާމަން ކުރައްވާ އިސްޓިޓިއުޓް އޮފް ގަވަނެންސްގެ ތަމްރީނު ޕްރޮގްރާމެއް ނިންމެވި ކައުންސިލަރަކު ރޭ ވިދާޅުވި އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ކައުންސިލްތަކަށް އެކަށީގެން ނުވާ މީހުން ކައުސިލަރުންގެ މަގާމަށް އައުމުގެ ސަބަބުން ވެސް ވަރަށް ގިނަ ކައުންސިތައް ވަނީ އަނދިރީގެ ތެރެއަށް ގެއްލިފަ އެވެ. އެފަދަ ކައުންސިލްތަކަކީ ބަޔާނެއްހާ ހިސާބު ވެސް ނުނެރެވޭ ކައުންސިލްތަކެވެ.

ރައްޔިތުން ބޭނުންވި ކައުންސިލަތައް އައިސް ބޭނުންވި އެއްވެސް ކަމެއް ނުވެ، ހިލުންގަނޑެއްގެ ތެރޭގައި ކަންފަތިވަމުންދާ އިރު މި ކަންބޮޑުވުންތައް ހައްލުވެ ކޮޅެއްގައި ޖެހިދާނެ ކަމުގެ ކޮޅުމައްޗެއް އަދި ފެންނާކަށް ނެތެވެ.