ކަރަންޓީނު ނުވެ، މާލެއިން ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އެހެން ރަށަކަށް، ކެމްޕެއިން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދިން ނަމަވެސް އެ އުސޫލުގެ ދަށުން ރަށް ރަށަށް ދާ މީހުންނަށް ޑޯ ޓު ޑޯ އަށް ހިނގުން މަނާވާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކަރަންޓީނު ނުވެ ކެމްޕެއިނަށް ދެވޭ އުސޫލާ ގުޅޭ ގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވީ ކެމްޕެއިނަށް ގައިޑްލައިންއެއް އެކުލަވާލައި ރަށްރަށަށް ދިޔުމުގެ ހުއްދަ ދިނީ އިންތިހާބާ ގުޅޭ ގާނޫނުގައި އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ބުނެފައިވާތީ ކަމަށެވެ. އަދި މި ހާލަތުގައި އެ ހުއްދަ ދިނީ ހަރުކަށި ގައިޑްލައިނެއްގެ ދަށުން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެގޮތުން 12 މާޗުން ފެށިގެން އިންތިހާބާ ހަމައަށް އެ އުސޫލުގެ ދަށުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވުނު ނަމަވެސް ކޮންމެ ދަތުރަކަށް ވެސް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އެސެންޝިއަލް ހިދުމަތްތައް ދިނުމަށް ރަށްރަށަށް ދިޔުމާ ގުޅޭ އުސޫލަށްވުރެ ވެސް ސްޓްރިކްޓުކޮށް މި އުސޫލުގެ ދަށުން ރަށްރަށަށް މި ދެވެނީ. އެގޮތުން ކެމްޕެއިނަށް ދާ ފަރާތްތަކަށް ރަށުތެރެއަށް ނިކުމެ ނޫޅެވޭނެ. ރަށަށް ގޮސް ހުންނަން ޖެހޭނީ ރަށުގެ މީހުންނާ ވަކިން ގެސްޓުހައުސް އެއްގައި. މީހުން އުޅޭ ގެއެއްގައި ހުންނަ ނަމަ ގޭގެ އެހެން މީހުންނާ ވަކިން ކޮޓަރި އެއްގައި. ކެއުމުގެ ކަންތައް އޮންނަން ވާނީ ވަކިން. ރެސްޓޯރެންޓުތަކަށް ގޮސް ކެއުން މަނާވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކެމްޕެއިނަށް ގޮސް ދޮރުން ދޮރަށް ހިނގުމާއި ކެމްޕެއިނަށް މާލެއިން ދާ މީހުން ތިބޭ ތަަނަށް ރަށުގެ މީހުން ގޮސް ބައއްދަލުކުރުން ފަދަ ކަންތައް ވެސް މަނާވާނެ ކަމަށެވެ.

"ހަމަ އެކަނި ކެމްޕެއިން ޖަލްސާ ވެސް ބޭއްވޭނީ އައުޓް ޑޯގައި. މާލެއިން ދާ މީހުންނާއި ރަށުގެ މީހުން ތިބެން ޖެހޭނީ ހަ ފޫޓުދުރުގައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕެއިނަށް ދާ މީހުން ގައިޑްލައިން އަށް އަމަލު ކުރޭތޯ ރަށުގެ ޓާސްކުފޯހުން ބަލާނެ ކަމަށެވެ. އަދި ގައިޑްލައިން ތަންފީޒު ކުރުމުގެ ކަންތައް ފުލުހުންނާއި ކަމާ ގުޅޭއެހެނިހެން މުވައްސަސާތަކުން ވެސް ކުރާނެ ކަމަށެވެ.

ކެމްޕެއިން ދަތުރުގައި ކެންޑިޑޭޓު ކަނޑައަޅާ ފަސް މިހުންނަށް ވުރެ އިތުރުނުވާ އަދަދަށް މީހުން ބައިވެރި ކުރެވިދާނެ ކަމަށް ގައިޑްލައިން ބުނެއެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ.