12 Mar 2021, 14:50
ކޮވިޑް19 އާ ދެކޮޅަށް ބޭނުން ކުރުމަށް އެސްޓްރަޒެނެކާ އާއި އޮކްސްފޯޑު ޔުނިވާސިޓީ ގުޅިގެން އުފެއްދި ވެކްސިން ޔޫރަޕުގެ ބައެއް ގައުމުތަކުން ސަސްޕެންޑު ކޮށްފި އެވެ.
ޑެންމާކާއި ނޯވޭ އަދި އައިސްލޭންޑުން ވަނީ މި ވެކްސިން ޖެހުން އެ ގައުމުތަކުގައި ސަސްޕެންޑުކޮށްފަ އެވެ. އެ ގައުމުތަކުން ވެކްސިން ސަސްޕެންޑު ކޮށްފައި ވަނީ ވެކްސިން ޖެހި ބައެއް މީހުންގެ ފަރާތުން ލޭ ގަނޑުވުން ފަދަ ސިއްހީ މައްސަލަތައް ފެނުނުކަން ރިޕޯޓު ކުރުމުންނެވެ.
އެ ތިން ގައުމުން އެސްޓްރަޒެނެކާ ވެކްސިމް ސަސްޕެންޑު ކުރީ އިއްޔެ އެވެ. އޮސްޓްރިއާ އިން ވެސް ވަނީ އެ ގައުމުގައި އެސްޓްރާޒެނެކާ ވެކްސިން ޖެހި މީހަކު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ވެކްސިންގެ ބެޗެއް ބޭނުން ކުރުން ހުއްޓާލައިފަ އެވެ.
އޮސްޓްރިއާގައި ވެކްސިން ޖެހި މީހަކު މަރުވެފައި ވަނީ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ދިމާވެ، ފުއްޕާމޭގެ މައްސަލަތަކެއް ކުރިމަތިވުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުން އެސްޓްރަޒެނެކާ ވެކްސިން ސަސްޕެންޑު ކުރި ނަމަވެސް، ޔޫރަޕިއަން މެޑިސިން ރެގިޔުލޭޓާ އިން ބުނީ ވެކްސިން ޖެހުން ހުއްޓާލަންް ޖެހޭ ސަބަބެއް ނެތް ކަމަށާއި ވެކްސިން ޖެހުމުން ލިބޭ ފައިދާގިނަ ކަމަށެވެ.
ޑެންމާކުން އެސްޓްރަޒެނެކާ ވެކްސިން ސަސްޕެންޑުކޮށްފައިވަނީ އެ ގައުމުގައި ވެކްސިން ޖެހި 60 އަހަރުގެ މީހަކު މަރުވުމާ ގުޅިގެންނެވެ. އޭނާ އަށް ދިނީ އޮސްޓްރިއާގައި މަރުވި މީހާ އަށް ދިން ބެޗުގެ ވެކްސިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑެންމާކުން ވަނީ ދެ ހަފްތާ އަށް ވެކްސިން ސަސްޕެންޑު ކޮށްފަ އެވެ.
އެސްޓްރަޒެނެކާ އިން ބުނީ އެ ކުންފުނީގެ ވެކްސިން ޖަހަން ފަށާފައި ވަނީ ފުރިހަމަ ތަހުލީލަށް ފަހު ކަމަށާއި ވެކްސިން ޖެހިފަހުން މަރުވި މީހުންގެ މަރުގެ ތަހުގީގުތަކުގައި އެއްބާރުލުން ދޭނެ ކަމަށެވެ.