12 Mar 2021, 13:43
ވ. އަންބަރާ އަށް ގޮސްގެން ޖޫރިމަނާ ކުރި މީހުންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މާލެއިން އަންބަރާއަށް ދިޔަ 95 މީހުންގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުވެސް ނުކުރާ ކަމަށާއި، އެމީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުވެސް ނުކުރެވޭ ކަމަށެވެ.
އެމީހުން ޖޫރިމަނާ ކުރީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނެގުމެއް ނެތި އެރަށަށް ދިޔުމުންނެވެ.
އަދި އެ މީހުން ދަތުރުކުރި އުޅަނދުތަކުގައި ހުއްދަ ކޮށްފައިވާ ވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާ އިރު ފުލުހުން ބުނީ އެކަމުގައި އަޅަން ފިޔަވަޅުތައް ތަހުގީގަށް ފަހު އަޅާނެ ކަމަށެވެ. ތަހުގީގު ކުރަމުން އަންނަނީ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރުކުރި މައްސަލަ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ހަފްލާތަކާއި ޕާޓީތަކާ އެއްވުންތައް ވެސް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެއިން ރަށްރަށަށް ދިޔުމަށް ހުއްދަ ވެސް ނަގަން ޖެހެ އެވެ.