މާލޭގެ ހަތަރު ފިހާރައެއްގެ ބިއްލޫރިތައް ރޭ ވެސް ބަޔަކު ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭ ބިއްލޫރިތައް ތަޅާލި ތަންތަނުގެ ތެރޭގައި ސައްޔިދު އަލިކިލެގެފާނުމަގުގައި ހުންނަ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަހުމަދު ސަލީމުގެ ރެޑްވޭވް ޕްލާޒާ އާއި ބުރުޒުމަގުން، އަހުމަދިއްޔާ ކުރިމަތީގައި ހުންނަ، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފުގެ "މައި ވޯޑްރޯބް" އާއި މަޖީދީމަގު ގަލޮޅު ދަނޑުގެ ސިޑިތައް ދަށުގައި ހުންނަ ޝޫ ކިންގް ފިހާރައިގެ ބިއްލޫރިތައް ހިމެނޭ ކަމަށެވެ. އަދި ކާނިވާ ސަރަހައްދުގައި ހުންނަ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ ޖީންސު ފިހާރައިގެ ބިއްލޫރިގަނޑަށް ވެސް ހަމަލާދީ ރެނދުލައްވާލައިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރެޑް ވޭވް ޕްލާޒާގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ރޭ ފަތިހު ކަމަށެވެ. އަދި މަޖީދީމަގުގައި ހުންނަ ޝޫ ކިންގް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލިކަން ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށާއި މައި ވޯޑްރޯބް ފިހާރައިގެ ބިއްލޫރިތައް ތަޅާލިކަން ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 3:30 ހާކަންހާއިރު ކަމަށެވެ.

މީގެ ދެމަސް ކުރިން ވެސް ތަޅާލާފައިވާ މަޚްލޫފްގެ ޖީންސް ފިހާރައިގެ ބިއްލޫރިގަނޑު ރޭ ތަޅާނުލި ނަމަވެސް އެ ފިހާރައިގެ ބިއްލޫރި ގަނޑަށް ގެއްލުން ދިނުމުގެ ސަބަބުން ރެނދުއަޅާފައި ހުރި ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އެ ފިހާރައަށް ގެއްލުންދީފައި ވަނީ ރޭ ދަންވަރު 1:00 ޖަހާކަންހާއިރު ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ސަރުކާރު އޮފީސްތަކާއި އާންމުރައްޔިތުންގެ ގެތަކުގެ އިތުރުން ފިހާރަތަކުގެ ބިއްލޫރިތައް ތެޅުން އާންމުވެފައިވާތީ ފުލުހުން އަންނަނީ ޚާއްސަ ސަމާލުކަމެއް ދީގެން މާލެ ތެރެ ބަލަހައްޓަމުން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.