މާލެއިން ފުރައިގެން ފަޅު ރަށެއް ކަމަށްވާ ވ. އަންބަރާއަށް ދިޔަ 95 މީހަކު ފުލުހުން ހުއްޓުވައި އެންމެން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މާލެއިން އަންބަރާއަށް 95 މީހަކު އެކި އުޅަނދުތަކުގައި ގޮސްފައި ވަނީ އެފަދަ ކަމަކަށް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނެގުމެއް ނެތި ކަމަށެވެ. އަދި އެ މީހުން ދަތުރުކުރި އުޅަނދުތަކުގައި ހުއްދަ ކޮށްފައިވާ ވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާ އިރު ފުލުހުން ބުނީ އެކަމުގައި އަޅަން ފިޔަވަޅުތައް ތަހުގީގަށް ފަހު އަޅާނެ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ހަފްލާތަކާއި ޕާޓީތަކާ އެއްވުންތައް ވެސް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެއިން ރަށްރަށަށް ދިޔުމަށް ހުއްދަ ވެސް ނަގަން ޖެހެ އެވެ.

މީގެ ކުރިން 2014 ވަނަ އަހަރުގެ ތެރޭގައި ވެސް މާލެއިން އަންބަރާއަށް ދިޔަ 79 މީހަކު ހައްޔަރުކުރި އެވެ. އެފަހަރު އެ މީހުންނަކީ އެ ރަށުގައި ޕާޓީއެއް ބޭއްވުމަށް ދިޔަ ބައެކެވެ.

ތަފްސީލް އަންނަނީ....