12 Mar 2021, 12:52
އިންޑިއާގެ ސީރަމް އިސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިން އެ ގައުމުގެ ސަރުކާރުން ގަންނަ އަގު ހެޔޮކޮށްފި އެވެ.
އިންޑިއާގެ ހެލްތު ސެކްރެޓަރީ ރާޖޭޝް ބޫޝާން އިއްޔެ ވިދާޅުވީ ސަރުކާރާއި ސީރަމް އިސްސްޓިޓިއުޓާ ދެމެދު މަޝްވަރާ ކުރުމަށް ފަހު، މިހާރު އެއްބަސްވެފައި ވަނީ ގާތްގަނޑަކަށް 200 އިންޑިއަން ރުޕީސް (2.75 ޑޮލަރަށް) ޑޯޒެއް ވިއްކުމަށް ކަމަށެވެ.
ސީރަމް އިސްޓިޓިއުޓް އޮފް އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުންޏެވެ. އޮކްސްފޯޑައި، އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިން އުފެއްދުމަށް އެ ކުންފުންޏަށް ދީފައިވާ ލައިސެންސްގެ ދަށުން ސީރަމް އިސްޓިޓިއުޓް އިން އުފައްދާ ވެކްސިނަށް ކިޔަނީ ކޮވިޝީލްޑެވެ.
އިންޑިއާގައި ކޮވިޝީލްޑު ވެކްސިންގެ އިތުރުން އެގައުމުގެ ބާާރަތު ބަޔޯޓެކް އިން އުފައްދާ ކޮވެކްސިން ވެސް ދެއެވެ.
އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ކޮވިޝީލްޑުގެ 200،000 ޑޯޒް ހަދިޔާ ކޮށްފަ އެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން މިހާރު ވަނީ ރާއްޖެއަށް ވެކްސިން ގަތުމަށް ސީރަމް އިސްޓިޓިއުޓާއެކު އެއްބަސްވުމަކަށް ދާން ނިންމައިފަ އެވެ. އިންޑިއާ އިން ގަންނަނީ ކިތައް ޑޯޒްގެ ވެކްސިން ކަމެއް ބުނެފައެއް ނުވެ އެވެ.
މީގެެ އިތުރުން އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ވެކެސިން ގަންނަ އަގު ސަރުކާރަކުން ނުބުނެ އެވެ.