އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބުގެ މައްޗަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީގެ ނާއިބު ރައީސް ހަބީބުގެ މައްޗަށް ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ސިޓީއެއް ފޮނުވި ހަބަރާ ގުޅިގެން އީސީ އިން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ހަބަރާ ގުޅިގެން ކޮމިޝަނުގެ ކުއްލި ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ.

އެ ޖަލްސާގައި، ހަބީބާ ގުޅިގެން ކޮމިޝަނުގެ ކަމާ ބެހޭ އެއްވެސް ކޮމެޓީ އަކަށް އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތްނަނަމަވެސް، އެފަދަ މައްސަލައެއް އޮތް ނަމަ އެ މައްސަލައެއް ކަމާބެހޭ ކޮމެޓީތަކަށް ހުށަހެޅުމަށް ކޮމިޝަނުގެ މުވައްޒަފުންނަށް އަންގަން ފާސްކުރި ކަމަށް އީސީގެ ބަޔާނުގައި ބުންޏެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެ މުވައްޒަފަކު ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ކޮމިޝަންގެ ގާނޫނުގައި އެ ކޮމިޝަންގެ މެމްބަރުންނަކީ، މަސްއޫލިއްޔަތު އަދާކުރުމުގައި މިނިވަންކަމާއި އަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ހަބީބުގެ ފަރާތުން ފެންނަމުންދާ އަމަލުތަކަކީ، ކޮމިޝަންގެ މެމްބަރެއްގެ ގައިގައި ހުންނަ ޖެހޭ އަހްލާގީ އަދި ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އީސީގެ ބަޔާނުގައި އިތުރަށް ބުނީ ކޮމިޝަނުގެ ނައިބު ރައީސް ހަބީބު، ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ބުނާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވާތީ، އެކކަމުގެ ހަގީގަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން އެ ކޮމިޝަނުގެ ނައިބުރައީސް، ކޮމިޝަނުގެ މުދާ އަދި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރިކަމުގެ އަމަލެއް ހިންގާފައި ނުވާކަން ކަށަވަރު ވެފައިވާ ކަމަށެވެ.