11 Mar 2021, 23:49
މާލެ ސިޓީން އެއްލައްކައަށްވުރެ ގިނަ މީހުން ކޮވިޑުން ދިފައުވުމަށް ވެކްސިން ޖަހައިފި އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ވެކްސިންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު މާލެ ސިޓީން ޖުމްލަ 6،015 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއާއެކު މާލެ ސިޓިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ، 105،836 އަށް އަރާފައެވެ.
މިއީ މާލެ ސިޓީގައި ދިރިއުޅެމުންދާ އާބާދީގެ ނިސްބަތުން ބޮޑު އަދަދެކެވެ.
މިއަދު ޖުމްލަ މުޅި ރާއްޖެއިން 11،474 މީހުން ވެކްސިން ޖެހިއެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދަކީ، 5،459 އެވެ.
މިދިޔަ މަހު އެއްވަނަ ދުވަހު ވެކްސިން ޖަހަން ފެށި ފަހުން ޖުމްލަ މިހާތަނަށް މުޅި ރާއްޖެއިން 186،930 މީހުން ވަނީ ވެކްސިން ޖަހާފައެވެ.
މާލެ ސިޓީން އެއްލައްކަށްވުރެ ގިނަ މީހުން މިހާތަނަށް ވެކްސިން ޖެހި އިރު، އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދަކީ، 81،094 މީހުންނެއވެ.
މާލޭގެ ވެކްސިން ސެންޓަރުތަކުގައި މިއަދު ގިނަ އަދަދެއް މީހުން ވަނީ ވެކްސިން ޖެހުމަށް ކިޔު ހެދި އެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރާއި ސޯޝަލް ސެންޓަރު އަދި އެހެން ސެންޓަރުތަކުގައި ވެސް މިއަދު އާދަޔާ ހިލާފަށް ކިޔޫ ދިގެވެ.
ސަރުކާރުން މީގެ ކުރިން ނިންމާފައިވަނި، މާލެ ސަރަހައްދުގައި ފުރަތަމަ ޑޯޒް ދޭން ފެށިތާ ގިނަ ދުވަސްވުމާއި ބަލިން ސަލާމާތް ވާން އޮތީ ދެވަނަ ޑޯޒް ޖަހައިގެން ކަމަށްވާތީ، ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލައި ދެވަނަ ޑޯޒް މިމަހު 15 އިން ފެށިގެން ޖެހުމަށެވެ. އެހެން ނަމަވެސް ދަވަނަ ޑޯޒް ފެށި ނަމަވެސް އެ ތާރީހުގެ ފަހުންވެސް ފުރަތަމަ ޑޯޒު ޖަހާނެ ކަމަށް އެޗްޕީއޭއިން މިހާރު ވަނީ ނިންމާފައެވެ.
އެޗްއީއޯސީން މިއަދު ބުނީ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާގޮތަށް ނިންމާފައިވީ ނަމަވެސް އެ ތާރީހުގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ ފަރާތްތަކަކީ:
ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމުގައިވާ އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން
- ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
- ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން - ބައްޔެއްގެ ސަބަބުން، ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން
ކުރިން ރާއްޖޭގައި ދެވަނަ ޑޯޒު ޖަހަން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ. އެހެން ނަމަވެސް މާޗު 15އަކީ ވެކްސިން ޖަހަން ފެށި ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ހަ ހަފުތާ ހަމަވާ ތާރީހެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ.