04 Feb 2012, 12:00
ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް އިންސްޓްޓިއުޓް އޮފް ގަވާނެންސް އެންޑް ޑިވެލޮޕްމެންޓުން ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ހަނދާނީ ލިއުން ދީފި އެވެ.
ރާއްޖޭގައި ލޯކަލް ކައުންސިލްތައް އުފެދުމާ އެކު މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޕްރޮގްރާމް ދެ ވަނަ ބުރު މިއަހަރު އޮތީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން މިދިއަ ބުރާސްފަތި ދުވަހަށެވެ.
ތަމްރީނު ޕްރޮގްރާމަށްފަހު ބަނޑޮސް ރިސޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ހަނދާނީ ލިއުން ދެއްވީ ކުރީގެ ސަރުކާރުގެ އެޓޯލްސް މިނިސްޓަރުކަން ކުރެއްވެވި އަބްދުއް ރަޝީދު ހުސައިނެވެ.
ކައުސިލް ނިޒާމް ރާއްޖެއަށް ގެނައުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވެވި ރިސޯޓް އޯނަރު، ކުރީގެ އެޓޯލްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން (ޑީން) ޗެއާމަން ކުރައްވާ އިންސްޓިޓިއުޓުގެ ތަމްރީނު ޕްރޮގްރާމްގެ މިފަހަރުގެ ބުރުގައި 19 އަތޮޅުން 44 ފަރާތެއް ބައިވެރިވި އެވެ.
އެއީ ކައުންސިލަރުންނާއި ކައުންސިލް އިދާރާތަކުގެ ބައެއް އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށެވެ.
މި ޕްރޮގްރާމްގައި ކައުންސިލަރުންނަށް ތަމްރީނު ދިން އިރު މާލީ ދާއިރާ އާއި ގާނޫނީ ދާއިރާ އާއި މުއާމަލާތްކުރުމުގެ ދާއިރާއިން މައުލޫމާތު ދިނެވެ. ބަނޑޮހުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ކިޔަވައިދެއްވި އެވެ.
އޭގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. ރޭ ބޭއްވި ހަފުލާގައި އިނާޒު ބައިވެރިވަޑައިގެންނެވި އެވެ.