10 Jul 2010, 10:20
14:30
ކޮރަޕްޝަނާއި، ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ގޭބަންދުކޮށްފައިވާ އިދިކޮޅު ތިން ލީޑަރުން ދޫކޮށްލަންދެން ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެންމެ ބޮޑު އިދިކޮޅު ހަތަރު ޕާޓީން ބުނެފި އެވެ.
ގޭބަންދުގައި ބައިތިއްބާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޫމްހޫރީ ޕާޓީގެ ރައީސް ގާސިމު އިބްރާހިމާއި، މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނާއި، ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ދޫކޮށްލުމަށް އެދި، ޑީއާރުޕީ އާއި، ޕީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ، ގުޅިގެން ސުނާމީ ބިނާކައިރީގައި މިރޭ ބާއްވަން ހަމަޖެހިފައިވާ މުޒާހިރާއާ ބެހޭ މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ބަންދުކޮށްފައިވާ ތިން ލީޑަރުން ދޫކޮށްލަންދެން އިދިކޮޅު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފު އާދަމް ވިދާޅުވީ، އިދިކޮޅު ލީޑަރުން ސަރުކާރުން ހައްޔަރުކޮށްފައި ވަނީ ދޮގު އިލްޒާމްތަކެއް ބޮލުގައި އަޅުވައިގެން ކަމަށެވެ. އަދި ގާނޫނުގެ އިމުގެ ބޭރުން ސަރުކާރު ވައްޓައިލުމަށް އެ ޕާޓީން މަސައްކަތްނުކުރާ ކަމަށާއި، އެޕާޓީން މަސައްކަތްކުރަމުން އަންނަނީ ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާ ކަންތައްތައް ކޮށްދިނުމަށް ބާރު އެޅުމަށް ކަމަށް ވެސަ ޝަރީފު ވިދާޅުވި އެވެ. އަދި އެކަންތައްތައް ސަރުކާރުން ނުކުރާނަމަ، ރައްޔިތުންގެ ވިންދާ އެއްގޮތަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ސަރުކާރު ބަދަލު ކުރުމަކީ ގާނޫނު އަސާސީން ލިބިގެންވާ ހައްގެއް ކަމަށާއި، އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވެން އޮންނަ ކަމެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އަލީ ޝަރީފް ވިދާޅުވީ، މީގެކުރިން އޭނާ އަކީ އެމްޑީޕީގައި މަސައްކަތްކުރެއްވި ބޭފުޅެއް ނަމަވެސް އިކޮޅު ފަރާތްތަކާ ގުޅެންޖެހުނީ ރައީސް ނަޝީދުގެ ހުދުމުހުތާރު ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ހަތަރުޕާޓީ އެކުވެގެން ސަރުކާރާ ދެކޮޅަށް މި ނިކުންނަނީ، ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، ކަމުވޮށިގެންވާ މީހުންގެ އެދުމުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް އަބްދުލް މަތީނު ވިދާޅުވީ، ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކާ ދެކޮޅަށް މިހާތަނަށް ނުނިކުމެތިބީ ޖެހިލުންވެގެން ބުރުން ނޫންކަމަށާއި، މަސްލަހަތައް ބައްލަވައިގެން ކަންތައްތައް ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް އެހެންގޮތެއް ނެތިގެން ނިކުންނަންޖެހުނީ ކަމަށާއި، މިކަމުގެ މަގުސަދު ހާސިލްވަންދެން ކަންތައްތައް ކުރިއަށްގެންދިއުމަށް ހުރިހާ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.