މިއަދު ރާއްޖެއިން ކޮވިޑް 19އަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސިޓީން ޕޮޒިޓިވްވި މީހުންނެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑި އިރު ނެގި 3،000އަށްވުރެ ގިނަ ސާމްޕަލް އިން ޕޮޒިޓިވްވެފައިވަނީ 124 މީހުންނެވެ. އޭގެ ތެރެއިން 100 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 14 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 110 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ، އަތޮޅު ތެރެއިން 13 މީހަކާއި ރިސޯޓުތަކުން 11 މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 21،268 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 161 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 18،695 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،502 އެވެ. އޭގެ ތެރެއިން 157 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 64 އެވެ.