11 Mar 2021, 21:55
އައްޑު ސިޓީގެ ފޭދޫގައި ހިންގި ގުރޫޕު މާރާމާރީއެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ އެވެ.
އެ މާރާމާރީ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 6:30 ގައެވެ.
ފުލުހުން ބުނީ، އެ މާރާމާރީ ހިނގާފައިވަނީ، ފޭދޫ ކުޑަކުންދިންގެ ޕާކް ސަރައްހަދުގައި ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށެވެ.
އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައިވެސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ސިއްހީ ހާލަތުގެ ތަފްސީލެއް އަދި ނުލިބެއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.