ސިފައިންގެ ވަޒީފާގައި އުޅުމަށް ފަހު ރިޓަޔާ ކުރަން ބޭނުންވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގަވައިދުގައި އިތުރު ކަންތައްތަކެއް ހިމެނުމަށް ސިފައިންގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުން ފާސް ކުރި އެ ބިލު ރައީސް ސޯލިހް ތަސްދީގު ކުރެއްވީ މިއަދެވެ.

މަޖިލީހުން ފާސް ކުރީ، ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިފައިންގެ މީހަކަށް ރިޓަޔާ ކުރެވޭނެ ހަތަރު ގޮތެއް ސިފައިންގެ ރިޓަޔަމެންތް ގަވައިދުގައި ބަޔާން ކުރަން ވާނެ ކަމަށެވެ. އެއީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމާއި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުމާއި ސިއްހީ ހާލަތު ތަން ނުދިނުމާއި އަމިއްލައަށް އެދުމެވެ.

މަޖިލީހުން ފާސް ކުރީ، އޭގެ ތެރެއަށް ދެކަމެއް އިތުރުކުރާށެވެ. އެއީ ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމާއި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަން ދިނުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމެވެ.

އެ އިސްލާހުގެ ބޭނުމަކީ ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް އެ އިސްލާހު ހުށަހެޅުއްވި، މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.