ކޮވިޑް19އިން ދިފާއުވުމަށް ޖަހާ ވެކްސިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ގަތުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

އެއާއެކު ފިންސޭންސް މިނިސްޓަރީން ވަނީ އެކަން ކުރުމަށް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަަށް ކަނޑައަޅައި، ގަރާރެއް ނެރެފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި، މިރޭ ނެރުނު "ދައުލަތުގެ މާލިއްޔަތު ގަވައިދަށް ނުވަތަ ގަވައިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމާ ބެހޭ ގަރާރު"ގައި ވަނީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ދިވެހި ސަރުކާރާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.

އެ ވެކްސިންއަކީ، ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ، ލިބެމުން ނެތުމުގެ ސަބުން، އެ ވެކްސިން މުޅި ދުނިޔޭގަައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމަންޓުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ އަދި މި ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ގަރާރުގައިވެ އެވެ.

އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދުން މިނިސްޓަރަށް ލިބިިގެންވާ ބާރުގެ ދަށުން، އެ އެއްބަސްވުން ތަންފީޒުކުރުމައްޓަކައި އެ ގަަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ފިނޭންސް މިނިސްޓަރު ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އަމަލު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަން ޖެހޭ މާއްދާ އަށެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ، އެ މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާއެކު ސޮއި ކުރެވޭ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގައި އަމަލު ކުރަން ޖެހޭނީ އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ކަމަށެވެ. އޭގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ހަރަދުތައް ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ގަރާރުގައި އަންގާފައިވެ އެވެ.

އިންޑިއާއިން ވެކްސިން ގަންނަން އާ ހުއްދައެއް ދީފައި ވަނީ އެސްޓެރެޒެނިކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ގައި އެއްބަސްވުމަށް ފަހު އެވެ.