04 Feb 2012, 11:12
ޝަރުއީ ދާއިރާ އިސްލާހު ކުރަން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ގައުމުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި އެގޮތަށް ގައުމުގެ އެންމެ އިސްވެރިޔާ އަޅުއްވާ ފިޔަވަޅުތަކަކީ އަނިޔާއެއްގެ ގޮތުގައި ނުދެކުމަށް އިސްލާމިކް މިނިސްޓަރުގެ ނާއިބު، މުހައްމަދު ފާރޫގު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "ތިޔަހެނެއް ނުކިޔޭނެ" ކެމްޕޭން ޖަލްސާތަކަށް ފަހު މި މަހު 17 ވަނަ ދުވަހު އެ ޕާޓީން ބާއްވާ އެއްވުމަށް ތައްޔާރުވުމަށް ފެށި "އަދުލު އިންސާފުގެ ދަތުރު" ޖަލްސާތަކުގެ ރޭ އެ ޕާޓީގެ މައި ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ފާރޫގު ވިދާޅުވީ މިހާރު އައިސްފައި މިވަނީ އަދުލު އިންސާފު ގާއިމު ކޮށްދިނުމުގެ މަސައްކަތަށް ހުރިހާ އެންމެން ތެދުވާންވީ ވަގުތު ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް އަދުލު އިންސާފް ގާއިމުކޮށްދިނުމަށް ހުރިހާ ރައްޔިތުން ނުކުންނަން ޖެހިފައި ކަމަށެވެ.
"ކޯޓުތަކުގެ މައި ބަދަ ބިންދައިގެން ދަނީ ކަމުގައި ވާނަމަ އެ ރަނގަޅު ކުރުމަށްޓަކައި [ދައުލަތުގެ އެންމެ އިސްވެރިޔާ] އޮބި އެޅުމަކީ [ދެވޭ] އަނިޔާއެއް ނޫން. އެއީ އެކަންތައް ތައް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައް ތަކެއް. އަޅުގަނޑުމެންގެ އަތް ބިންދައިގެން ގޮސްފި ކަމަށްވާ ނަމަ އެ އަތުގައި އޮބި އަޅާއި އެ އަތަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އެކަންތައްތައް ހިފަހައްޓަން ޖެހޭ. އެއީ އަނިޔާއެއް ނޫން،" އެމްޑީޕީގެ ރައީސް އަދި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީގެ ބޭބެ ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ ދިވެހި ރާއްޖޭގައި އިންސާފު ގާއިމުކޮށްދިނުމަށް މިވަނީ ހުރިހާ ރައްޔިތުން މިވަނީ ތެދުވާން ޖެހިފަ އޭ. ހުރިހާ ރައްޔިތުން މިކަމަށްޓަކައި އަތުކުރި އޮޅާލާން މި މަމަގަށް މަސައްކަތް ކުރަންޖެހޭ ދަނޑިވަޅު މި އޮތީ އައިސްފައޭ،"
ފާރޫގު ވިދާޅުވީ އަދުލު އިންސާފް ގާއިމު ކޮށްދިނުމަކީ ކިފާޔަތުގެ ފަރުލެއް ކަމަށާއި އަދުލު އިންސާފް ގާއިމުކޮށްދިނުމަށް އެއްބާރުލުން ދިނުމަކީ ގައުމީ އަދި ދިނީ ވާޖިބެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެއީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އަދުލު އިންސާފް ގާއިމުކޮށްދިނުމުގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އެންމެން ދިނުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއް ކަމަށެވެ.
"މިކަން ވަނީ ގާނޫނު އަސާސީން ވެސް ވަނީ ކަށަވަރުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ. ފާރޫގެ ވާހަކަފުޅުގައި ފަނޑިޔާރުގެ ތަކުގައި އަދުލު އިންސާފަށް ޝަރީއަތް ކުރަން ތައުލީމީ ގާބިލު ފަނޑިޔާރުން ތިބުމުގެ މުހިންމު ކަމުގެ މައްޗަށް ގާނޫނު އަސާސީއާއި ކީރިތި ގުރުއާނު އަލީގައި އަލިއަޅުވައިލެއްވެވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ބައެއް މިނިސްޓަރުން ވެސް ވަނީ އަދުލު އިންސާފު ގައިމު ކުރަން އެ ޕާޓީން ފަށާފައިވާ "އަދުލު އިންސާފުގެ ދަތުރު" ގައި އެންމެން ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކިފަހަރު މަތިން ވިދާޅުވެފައި ވަނީ މިފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން އެދޭފަދަ ޝަރުއީ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށާއި އެކަންކަން ހާސިލު ކުރަން ކުރައްވަން ޖެހޭ ކަންކަންކަން ކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ސަރުކާރާއި އެމްޑީޕީން އަދު އިންސާފުގެ ދާއިރާ ހަމަ މަގަށް އެޅުވުމުގެ މަސައްކަތްތައް ފަށާފައިވާއިރު ސަރުކާރާ އިދިކޮޅު ފަރާތްތައް އިއްތިހާދުވެ ގޮވާލަމުން ދަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށެވެ. އެމީހުން ދަނީ އެކަމަށް ގޮވާލައި މުޒާހަރާތައް ކުރަމުންނެވެ.