11 Mar 2021, 16:47
ކުރިއަށް އޮތް ހަފްތާއަށް ހަޔަކުން ފެށިގެން ދަށުގެ ގްރޭޑުތަކުގެ ކުދިންނަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށާއި، ހަތަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ކުދިން ސްކޫލަށް ހާޒިރުވާން ޖެހޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.
ކޮވިޑް19ގެ ކޭސްތައް ކޮންޓްރޯލް ނުވާތީ، ދަށް ގްރޭޑުތަކުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ފެބުރުއަރީ 12 ވަނަ ދުވަހު އެވެ.
އެންމެ ފުރަތަމަ އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ގްރޭޑް އެކަކުން ފެށިގެން ހައެއްގެ ދަރިވަރުންނަށެވެ. އެހެން ނަމަވެސް ފަހުން ވަނީ ގްރޭޑް އަށަކާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 14 އިން 18 އަށް މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް ހަޔަކާ ހަމައަށް ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިކޮށް ކަމަށެވެ.
އަދި ގްރޭޑް ހަތަކުން ފެށިގެން ގްރޭޑް 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސްކޫލަށް ހާޒިރުވެގެން ކަމަށެވެ.
ސްކޫލްތައް ބަންދުކުރުމަށްފަހު، ހާއްސަ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް ބައެއް ގްރޭޑްތަކުގެ ކިޔެވުން އަލުން އޮންލައިންކޮށް ބަދަލުކުރީ ކޮވިޑް19 ކޭސްތައް އިތުރުވުމުގެ ސަބަބުންނެވެ.