ކޮވިޑް-19 ވެކްސިން ޖަހަން ކިޔޫ ހެދި މީހުންގެ އަދަދު ގިނަވެ، ވެކްސީން ކިޔޫ މިއަދަށް ބަންދުކޮށްފި އެވެ.

މާލޭގެ ވެކްސިން ސެންޓަރުތަކުގައި މިއަދު ގިނަ އަދަދެއް މީހުން ވަނީ ވެކްސިން ޖެހުމަށް ކިޔޫ ހަދައިފަ އެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރާއި ސޯޝަލް ސެންޓަރު އަދި އެހެން ސެންޓަރުތަކުގައި ވެސް މިއަދު އާދަޔާ ހިލާފަށް ކިޔޫ ދިގެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ސޯޝަލް ސެންޓަރުގެ ވެކްސިން ކިޔޫ މިއަދަށް ބަންދުކޮށްފައިވާ ކަމަށާއި، ދެން ވެކްސިން ޖަހަން ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ.

ވެކްސިން ޖެހުމަށް އާންމުން ދެމުން އަންނަ ތަރުހީބަށް އެޗްޕީއޭ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި ދޭތެރެއިން މާލެ ސަރަަހައްދުން ވެކްސިން ޖަހާ މީހުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، އަނެއްކާ ވެސް ކިޔޫތައް ދިގުވާން ފަށާފައި މިވަނީ އަންނަ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލަން ނިންމާފައި ވާތީ އެވެ.

އެހެން ނަމަވެސް އޭގެ ފަހުން ވެސް ފުރަތަމަ ޑޯޒް ދޭނެ މީހުން އެޗްޕީއޭ އިން މިއަދު ވަނީ އާންމުކޮށްފަ އެވެ.

މާލޭގައި ކޮވިޑް ވެކްސިން ދޭން ފެށީ ހުސްވި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގަ އެވެ. މިހާތަނަށް 175،456 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

މާލެ ސަރަހައްދުގައި ފުރަތަމަ ޑޯޒް ދޭން ފެށިތާ ގިނަ ދުވަސްވެފައިވާ ކަމަަށާއި ބަލިން ސަލާމާތް ވާން އޮތީ ދެވަނަ ޑޯޒް ޖަހައިގެން ކަމަށްވާތީ، ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލައި ދެވަނަ ޑޯޒް ޖަހަން ފަށަން ނިންމާފައިވާކަމަށް ހާމަކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

ކުރިން ރާއްޖޭގައި ދެވަނަ ޑޯޒު ޖަހަން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ. އެހެން ނަމަވެސް މާޗު 15އަކީ ވެކްސިން ޖަހަން ފެށި ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ހަ ހަފުތާ ހަމަވާ ތާރީހެވެ.