11 Mar 2021, 15:29
މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެ އިން ފުރާ އަދި ރާއްޖެ އިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެއާ ރަޝިއާ އާ ދެމެދު 2019 ވަނަ އަހަރު ސޮއިކޮށް އަދި އަމަލުކުރަން ފަށާފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވަންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއާމަންޓްސް ފޯ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޯ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން"ގެ ދަށުން، މަސައްކަތް ކުރުމަށާއި ކިޔެވުމަށާއި ދިރިއުޅުން ބަދަލުކުރުން ފިޔަވައި އެހެން ބޭނުންތަކަށް ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެ އެވެ.
ނަމަވެސް، ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާތީ މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައި ކަމަށް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
އެހެންކަމުން ރަޝިއާ އަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލުވުމަށާއި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވާތީ ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރަން ވަނީ އެދިފަ އެވެ.