މި މަހުގެ 15 ވަނަ ދުވަހު ދެވަނަ ޑޯޒު ދޭން ފަށަައި، ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލަން ރާވާފައިވީ ނަމަވެސް، ބައެއް ފަރާތްތަކަށް ފުރަތަމަ ޑޯޒް ދިނުން ކުރިއަށް ގެންދާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މާލޭގައި ކޮވިޑް ވެކްސިން ދޭން ފެށީ ހުސްވި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގަ އެވެ. މިހާތަނަށް 175،456 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

މާލެ ސަރަހައްދުގައި ފުރަތަމަ ޑޯޒް ދޭން ފެށިތާ ގިނަ ދުވަސްވެފައިވާ ކަމަަށާއި ބަލިން ސަލާމާތް ވާން އޮތީ ދެވަނަ ޑޯޒް ޖަހައިގެން ކަމަށްވާތީ، ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލައި ދެވަނަ ޑޯޒް ޖަހަން ފަށަން ނިންމާފައިވާކަމަށް ހާމަކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

އެޗްއީއޯސީން މިއަދު ބުނީ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާގޮތަށް ނިންމާފައިވީ ނަމަވެސް އެ ތާރީހުގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ފަރާތްތަކަކީ:

  • ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމުގައިވާ އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން

  • ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
  • ބައްޔެއްގެ ސަބަބުން، ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

ކުރިން ރާއްޖޭގައި ދެވަނަ ޑޯޒު ޖަހަން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ. އެހެން ނަމަވެސް މާޗު 15އަކީ ވެކްސިން ޖަހަން ފެށި ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ހަ ހަފުތާ ހަމަވާ ތާރީހެވެ.