ދެ މީހަކު ފަސް ދުވަހުގެ މުއްދަތަށް ފުލުހުންގެ ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ފުލުހުން އެ ދެ މީހުން ދޫކޮށްލި މައްސަލައިގައި ޖަވާބުދާރީވުމަށް ޕޮލިސް ސާޖެންޓް އަހުމަދު އަޒުމަތު އަބްދުﷲ ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

ހައްޔަރުގައި ބައިތިއްބުމަށް އަމުރު ކުރި ދެ މީހުންނަކީ އެމްޑީޕީގެ ދެ އެކްޓިވިސްޓުން ކަމަށްވާ މ. ހައިސިންތު، ސުހައިލް މުހައްމަދާއި ގ. ހެޕީސައިޑް ހުސެއިން އިލްހާމެވެ.

އަޒުމަތު ކޯޓަށް ހާޒިރުވުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލު ކޮށްފައިވަނީ ބަންޑާރަނައިބު އޮފީހުގެ ފަރާތުން އެ އަމުރު ބާތިލު ކުރަން ހުށަހެޅި މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އާއި ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ޑރ. އަޒުމިރާލްދާ ޒާހިރު ސޮއިކުރައްވާ އިއްވެވި ހުކުމްގައި ބުނަނީ އެއްވެސް މުއައްސަސާއަކުން ކޯޓުން ނެރޭ އަމުރަކަށް ތަބާނުވެއްޖެނަމަ އެފަދަ މައްސަލަތަކުގައި ޖަވާބުދާރީވުމަށް އެންމެ ފުރަތަމަ އަމުރު ފޮނުވަންވާނީ އެ މުއައްސަސާއަށް ކަމަށާއި އެއްއަށްފަހު އެ މުއައްސަސާ ހިންގުމާއި ހަވާލުވެހުރި އެންމެ އިސް މީހަކަށް ކަމަށެވެ.

އަދި އެ މައްސަލައިގައި އަޒުމަތު ކޯޓަށް ހާޒިރުކުރަނީ ކޮން ހައިސިއްޔަތަކުންކަން އެ އަމުރުން އެނގެން ނެތްއިރު، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލަ އާއި އަޒުމަތާ ހުރީ ކޮން ގުޅުމެއްކަން ވެސް އެނގެން ނެތުމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރު ބާތިލުކުރީ ކަމަށެވެ.

ސުހައިލް އާއި އިލްހާމް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޮކްޓޫބަރު 20، 2011 ގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަނިކޮށް ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުން އެ ދެމީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.