ހުސްވި 2020ވަނަ އަހަރު ބީއެމްއެލްއިން މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި އެކި މަޝްރޫއުތަކާއި ސްޕޮންސާޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ 100އަށް ވުރެ ގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ އެ ބޭންކުގެ ސަސްޓެއިނެބިލިޓީ ރިޕޯޓް 2020އިން ދައްކާ ގޮތުގައި އެ ބޭންކުން ވަނީ އެކި ދާއިރާތަކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ބޮޑުބައެއް ކޮވިޑް19 ޕެންޑެމިކްގެ ތެރޭގައި ވޭތުވެގެން ދިޔަ ނަމަވެސް އިޖުތިމާއީ ޒިންމާގެ ދަށުން ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގަން އެހީ ފޯރުކޮށްދޭ ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން މިދިޔަ އަހަރު ވެސް 20 ރަށެއްގައި އެއް މިލިއަން ރުފިޔާގެ 20 މަޝްރޫއުއަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އެ މަޝްރޫއުތަކުގެ ދަށުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދައިދިނުމާއި ލައިބްރަރީ، ޕާކް، ޖިމް އަދި ނޭޗާ ޕާކު ތަރައްގީކޮށް، ސޯލާ ލައިޓް ހަރުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮވިޑް19 ޕެންޑެމިކްގެ ތެރޭގައި ބީއެމްއެލް އިން ވަނީ 10 ހޮސްޕިޓަލަކަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާ ކޮށްފަ އެވެ.

ވަކިވަކި ޖަމިއްޔާތަކަށް ފޯރުކޮށްދިން އެހީއަށް ބަލާއިރު، ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު އުރަމަތީގެ ކެންސަރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ކެންސާ ސޮސައިޓީއަށް 150،000 ރުފިޔާއާއި އާކް ޖަމިއްޔާގެ އެއިޑް ޕްރޮގްރާމަށް ދެލައްކަ ރުފިޔާ ހަދިޔާކޮށްފަ އެވެ. އެ އެހީގެ ދަށުން 300 އާއިލާއެއްގެ 587 ކުދިންނަށް ބޭނުންވާ ކާބޯތަކެތީގެ ޕެޖޭކު ވަނީ ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ޖަމިއްޔާތަކަށް ފޯރުކޮށްދިން އެހީގެ ތެރޭގައި ފެމިލީ ލީގަލް ކްލިނިކަށް ދިން 50،000 ރުފިޔާއާއި ޑެފް އެސޯސިއޭޝަނަށް ދިން 30،000 ރުފިޔާ ވެސް ހިމެނެ އެވެ.

ބީއެމްއެލްއިން ފެމިލީ ލީގަލް ކްލިނިކަށް ބައިލައްކަ ރުފިޔާ ހަދިޔާކުރުން--

މިދިޔަ އަހަރު ތައުލީމީ ދާއިރާއަށް ބީއެމްއެލްއިން ފޯރުކޮށްދިން އެހީއަށް ބަލާއިރު، އެ ބޭންކުން ވަނީ ޕެންޑެމިކްގެ ތެރޭގައި ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބްގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށްގެންދަން މަގުފަހިކޮށްދީ، އެ ލެބް އަޕްގްރޭޑްކުރަން ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.

ބީއެމްއެލްއިން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކުރުން--

ހަމައެއާ އެކު 10 ސްކޫލެއްގެ ސްޕެޝަލް ނީޑްސް އެޑިއުކޭޝަންގައި ކިޔަވަމުންދާ 300 އަށްވުރެ ގިނަ ދަރިވަރުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އަތޮޅުތެރޭގައި ބޭންކިން ހިދުމަތް ފުޅާކުރަން ކުރި މަސައްކަތުގެ ދަށުން ނުވަ ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ހުރި އޭޓީޢެމްތައް ސެލްފް ސާވިސް ބޭންކިން ހިދުމަތް ލިބޭ ގޮތަށް ބަދަލުކޮށްފައިވެ އެވެ. އަދި ކޭޝް އޭޖެންޓު ވިއުގަ އިތުރަށް ފުޅާކޮށް، 200އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތް ލިބޭނެ މަގުފަހިކޮށްދީފައިވެ އެވެ.