11 Mar 2021, 12:13
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިންޑިއާއަށް ވަޑައިގަތީ "އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި "ނެއިބަހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައި މިނިސްޓަރު ވާހަކަދައްކަވާނެ ކަމަށް މިނިސްޓްރީން ބުންނެވެ.
މިނިސްޓަރު ޝާހިދުގެ އިތުރުން އެ ސެޝަންގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދަނަ އަދި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ލަންކާގެ ފޮރިން މިނިސްޓަރު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ވާޗުއަލް ކޮށެވެ.
އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭގޮތުން ބާއްވާ ބައްދަލުވުމެކެވެ.
ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަން މި އަހަރު ބާއްވަނީ ޗެންނާއީގަ އެވެ. އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފަވާ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ.