ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިިކަމުން އަޒުލު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުކުރެވޭނެ ނަމަ ޝަރުއީ ދާއިރާއިން އެކަން ކުރެވޭނެ ގޮތްތައް ބައްލަވާނެ ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިޔާނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ފޭރި ނުގަންނަ އެކައްޗެއް ވެސް ރާއްޖޭގައި ނެތް ކަމަށާއި ގާނޫނު އަސާސީގެ ހައްގުތަކާއި ފަނޑިޔާރުގެތަކުގެ މިނިވަންކަން ފޭރިގެންފައިވާއިރު ދައުލަތުގެ މީޑިއާ ވެސް ފޭރިގެންފައިވާ ކަމަށެެވެ.

"ކޯންޗެއްތޯ ނުފޭރެނީ؟" ދިޔާނާ ސުވާލު ކުރެއްވި އެވެ.

އެކަމަނާވަނީ ރައީސް މުހައްމަދު ނަޝީދު އަޒުލް ކުރުމަށް އެންމެން އެއް އަޑަކުން ގޮވާލުމަށް ރޭ އެދި ވަޑައިގެންފަ އެވެ. ހަރު އަޑުފުޅުން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުން އަޒުލު ކުރަން ޖެހިފައިވާ ކަމަށެވެ. އެއްވެފައިވާ މީހުންގެ ގޮވާލުމާ އެއް ގޮތަށް ރައީސް ނަޝީދު ރަޖަމް ކުރަން ޖެހޭ ކަމަށް ވެސް ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ވަރަށް ބާރަށް ވިދާޅުވި އެވެ.
~
ދިޔާނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކިބައިގައި ރައީސް ނަޝީދު އަޒުލްކުރުމުގެ ބާރު ނެތިއްޔާ ޝަރުއީ ދާއިރާއިން ވެސް އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށާއި އަޒުލު ކުރުމުގެ ބާރު ހަމައެކަނި އޮތީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަކަށްގާނޫނު އަސާސީގައި ނެތް ކަމަށާއި އެއީ ކުރެވިދާނެ އޯޕަން ސުވާލެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރު ކުރި މައްސަލައިގައި ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ދައުވާކުރައްވާނެ ކަމަށާއި ޖިނާއީ ކުށްކުށުގައި ދައުވާ ހުށަހެޅުމަށް ވަކި މުއްދަތެއް ނޯންނަ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ. ދެން ވިދާޅުވީ ރައީސް ނަޝީދަށް ހަތިޔާރުތަކުގެ ބިއްދޮށުން ހިމާޔަތް ހޯއްދަވައިގެން ހުންނެވުނު ނަމަވެސް އެހެން ހުންނެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ކަމަށެވެ.

ދިޔާނާ ވިދާޅުވީ ޖުމްހޫރީ މައިދާނުން އެކަމަނާ ހައްޔަރު ކުރެއްވި ފަހުން ސިއްހީ އުޒުރުތަކާހުރެ ދެތިން ރެއަކު މުޒާހަރާއަށް ވަޑައި ނުގެންނެވި ނަމަވެސް އެއީ ބިރުން ނޫން ކަމަށާއި އެންމެ ފަހު ލޭތިއްކާ ހަމައަށް ވެސް މުޒާހަރާތައް ކުރިއަށް ދާނެ ކަމަށާއި އެކަމަނާ ވެސް މުޒާހަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި އިންނަވަނިކޮށް ހައްޔަރު ކުރެއްވުމާ ބެހޭ ގޮތުން ވެސް ދިޔާނާ ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ފުލުހުން އަނިޔާވެރި ގޮތަކަށް އެކަމަނާ ގެންދެވި އިރު ފުލުސް އަންހެން މީހާގެ ނޭފަތާއި ބަނޑުގައި ޖެހެން އޮތް ކަމަށާއި އެ ހައްޔަރު ކުރުމުގައި އެކަމަނާގެ ޓީޝާޓަށް ދެމި ދެމުމަކީ ރައީސް ނަޝީދު އަޅުއްވައިގެން ހުންނެވި ޑިމޮކްރަސީގެ ފޭރާން ވީދިގެން ދިއުން ކަމަށެވެ. އަދި ވިދާޅުވި އެވެ: "އަޅުގަނޑަށް އޮތް ފައިން ވެސް ޖެހެން ހައްޔަރުކުރިއިރު. އެކަމަކު އަޅުގަނޑު ނުޖެހީ ކީއްވެތޯ؟ އަޅުގަނޑު ނުޖެހީ އެއީ ހެވާއި ނުބަޔާ ދޭތެރޭގައި އޮތް ރޮނގު ކަމަށް ވާތީ،"