10 Mar 2021, 20:20
ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުުގެ ތެރެއިން ބަލައި، ވަޒީރުން މަގާމުން ވަކި ކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު ކަމުން މަލީހު ޖަމާލު ވަކި ކުރަން މަޖިލީހުން ފާސްކުރީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމާ ގުޅިގެން މީގެ ކުރިން ރައީސް އާންމުކޮށް ވާހަކަ ދައްކަވާފައި ނުވެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުުގެ ތެރެއިން ބަލައި ވަކި ކުރުމުގެ ކުރިން އެމަނިކުފާނާ މަޝްވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އަދި އިތުބާރު ނެތް ކަމަށް ފެންނަ ނަމަ އެމަނިކުފާނު އެ ވަޒީރަކު ވަކި ކުރައްވާނެ ކަމަށާއި މީގެ ކުރިންވެސް އެގޮތަށް ވަކިކޮށްފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު މީގެ ކުރިން ވަޒީރު ކަމުން ވަކި ކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
"ކެބިނެޓުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، އިތުބާރު މަޖިލީހުގެ މެމްބަރަކަށް ނެތިއްޖެ ކަމަށްވިއްޔާ އަޅުގަނޑާ ހިސާބަށް ގެނައުމުން އެންމެ ރަނގަޅު ގޮތަކީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މަލީހުގެ މައްސަލައިގައި އެމްޑީޕީގެ މުޅި ޕާލިމެންޓަރީ ގްރޫޕުން އޭނާގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް، އެމަނިކުފާނަށް ފޮނުވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެއީ އަލަކަށް ދިމާވި ކަމެއް ނޫން ކަމަށާއި، ކުރިންވެސް އެމްޑީޕީ ވެރިކަަމުގައި އޮތް އޮތް އިރު ޕާލިމެންޓަރީ ގްރޫޕުން ކިތަންމެ ފަހަަރަކު އަމިއްލަ ވަޒީރުން ވަކި ކުރަން ނިންމާފައި އެބަ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭރުވެސް އެކަން ކުރީ މަޝްވަރާކޮށްގެން ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އެ ކަންތައްތައް އޭރު ހައްލުކުރީ އޭރުގެ ވެރިކަމުގަ ތިއްބެވި ބޭފުޅުންނާ މަޝްވަރާ ކޮށްގެން، އިންޓާނަލް ކަމެއްގެ ގޮތުގައި. އެހެންވީމަ ދެންވެސް އެކަންތައްތައް ކުރިއަށް ގެންދަން ޖެހޭނީ އެގޮތަށް. އެއީ އެންމެ ރަނގަޅު ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
ވަކި ޕާޓީތަކުގެ ވަޒީރުން ތިއްބަސް ސަރުކާރަކީ އެއް ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެ ދަމަހައްޓަން އަޅުގަނޑުމެން ހުރިހާ ޕާޓީއަކުން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރަންވާނެ. އެއީ ރައްޔިތުން ނިންމާފަ އޮތް ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.