10 Mar 2021, 19:32
ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ކިންގް ސަލްމާން މިސްކިތް ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ބޭނުން ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެ މިސްކިތް ހުޅުވަން ހަމަޖެހިފައި އޮތީ ސައުދީ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެން ކަމަށެވެ. އެހެންނަމަވެސް، ކޮވިޑްއާ ހެދި އެ ބޭފުޅުންނަށް ރާއްޖެ ވަޑައިނުގަނެވޭތީ އެތަން ނުހުޅުވި އޮތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރޯދަ މަހު އެ މިސްކިތް ނުރަސްމީކޮށް ވިޔަސް ބޭނުން ކުރުމުގެ ވިސްނުން ގެންގުޅުވާކަން އެމަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.
"ނަމަވެސް، އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ނުރަސްމީކޮށް ވެސް ކުރިއަށް އޮތް ރޯދަ މަސްތެރޭގައި އެތަން ބޭނުންކުރެވޭތޯ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ޖެނުއަރީ 6، 2020: ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ކިންގް މުހައްމަދު ބިން ސަލްމާން ދެއްވި 24.95 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި މާލޭގައި ބިނާ ކުރި ކިންގް ސަލްމާން މިސްކިތް – ސަން ފޮޓޯ/ ފަޔާޒު މޫސާ
ކިންގް ސަލްމާން މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ. މިހާރު އެތަނުގެ މަސައްކަތް އޮތީ މުޅިންހެން ނިމިފަ އެވެ.
އެ މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމާއި ފަސް ސެނިމާ ރޫމް ހުރެ އެވެ. އަދި ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެ އެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހުރެ އެވެ.
ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއަށް ފަންޑު ލިބުމުގައި ދަތިވެގެން އެ މިސްކިތުގެ ޑިޒައިން ޕްލޭން ފަހުން ބަދަލުވެސް ކުރި އެވެ. އެގޮތުން ކުރިން އެތަނުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ.