10 Mar 2021, 17:57
ރާއްޖޭގައި ހިލޭ ފަސްޓް ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 10،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ދިވެހި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުން ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން މިހާރު 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދާ ހިސާބަށް އައި އިރު އަޅުގަނޑުމެންގެ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ހިލޭ ފަސްޓް ޑިގްރީއަށް 10،000 ދަރިވަރުން ކިޔައިވައިދިނުމުގެ ފުރުސަތު މިވަނީ ލިބިފައި،" ރައީސް ވިދާޅުވި އެވެ.
10،000 ދަރިވަރުންނާ ހިސާބަށް ދެވުނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ހިލޭ ޑިގްރީ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ޕްރޮގްރާމުެގ ދަށުން ކިޔަވައިދޭން ފެށީ 2019 އަހަރުގެ ކުރީކޮޅެވެ.
ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން ހިލޭ ކިޔެވެ އެވެ. އަދި ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖުތަކުގެ ކޯސް ފީތަކުން ވަރަށް ބޮޑުބައެއްވެސް ދައްކައިދެ އެވެ.