މިވަގުތު އިސްކަން ދެނީ ރައީސްކަމަށް އައުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށާއި އެއަށް ފަހު ނޫނީ ދެވަނަ ދައުރަކާ މެދު ނުވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުވަސްގަނޑަކަށް ފަހު މިއަދު އޮންލައިންކޮށް، ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލުމާ މެދު އަދި ނުވިސްނަވާ ކަމަށެވެ. އަދި މިވަގުތުގެ ހުރިހާ ވިސްނުމެއް ހުރީ ވެރިކަމަށް އައުމުުގެ ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް ފަހު ޖެހިގެން އަންނަ ދައުރަށްވެސް ކުރިމަތިލުމުގެ ވިސްނުމަކާއެކު ކުރިއަށްދާ ނަމަ ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަމަށް އައިސް، އަނެއް ދުވަހު، ކުރިއަށް އޮތް ދައުރު ކުރިމަތިލާން ނިންމައިފިއްޔާ ރައްޔިތުންނަކަށް ހިދުމަތެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަމަށް އައިސް މިކުރާ ކަމަކީ، އަޅުގަނޑު ވީ ވައުދުތައް ރައްޔިތުންނަށް ފުއްދޭތޯ ބެލުން،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދައުރުގައިވެސް ވެރިކަން ކުރަން ނިންމައިގެން ވެރިކަން ކުރާ މީހެއްގެ ވިސްނުން ހުންނާނީ ވީހާވެސް ބޮޑަށް ރައްޔިތުންގެ ތާއީދު ލިބޭ ކަންކަން ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، އެމަނިކުފާނު ވެރިކަން ކުރައްވަނީ އެއާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

"އެހެންނެއް ނޫން، އަޅުގަނޑު ދެން އޮތް އިންތިހާބަކަށް ކުރިމަތިލާން ނިންމައިފިއްޔާ އަޅުގަނޑު ހިންގާނީ އަޅުގަނޑަށް ތާއީދު ބޮޑުވާނީ ކޮން ގޮތަކަށްތޯ ބަލައިގެން،" ރައީސް ވިދާޅުވި އެވެ.

ވައުދުތައް ނުފުއްދާ ވެރިކަމުގެ ދެވަނަ ދައުރަކާ މެދު ވާހަކަ ދައްކާ ނަމަ ރައްޔިތުން އެމަނިކުފާނު ބަލައި ނުގަންނާނެކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކުރަނީ އެހެނެއް ނޫން. އަޅުގަނޑު ކުރުމަށް މަސައްކަތް ކުރަމުން މިގެންދަނީ އަޅުގަނޑު ވީ ވައުދުތައް އިހަށް ފުއްދޭތޯ. އެ ނޫން ވިސްނުމެއް އަޅުގަނޑުގެ މިވަގުތަކު ނެތް. އަޅުގަނޑު ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮނުވާނެ އަޅުގަނޑު ވީ ވައުދުތައް ފުއްދައިނުދީ،"

ރައީސް މިހެން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިދިޔަ މަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވިދާޅުވެފައި ވަނީ ސަރުކާރުތަކަށް ގިނަ ކަންކަން ހާސިލު ކުރަން ދެ ދައުރު ބޭނުންވާ ކަމަށެވެ. އެ ވާހަކަތަކާއެކު ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެތޯ ސުވާލު އުފެދުނެވެ.