ޔަޝްރާޖް ފިލްމު ކުންފުނި (ވައިއާރްއެފް)ގެ ކުރިއަށް އޮތް ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރް"ގެ އާ ޓްރެއިލާ އެއް ދައްކާލާ އާ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

މި ފިލްމުގެ ރަސްމީ ޓްރެއިލާ ވަނީ މިދޔަ އަހަރު ރިލީޒްކޮށްފަ އެވެ. ބްލެކް ކޮމެޑީ މި ފިލްމުގެ ޑައިރެކްޓަރަކީ ދިބާކަރު ބެނަޖީއެވެ. ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަރްޖުން ކަޕޫރާ ޕަރިނީތީ ޗޯޕްޅާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ 2018 ވަނަ އަަހަރުއެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަޅުވަން އުޅެފައި ތާރީހު ފަސް ކުރި އެ ފިލްމު މިފަހަރު ރިލީޒްކުރުން ލަސްކުރީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ސަބަބުންނެވެ. މި ފިލްމު ދެން ރިލީޒްކުރާނީ މި މަހު 19 ގައެވެ. ޕަރިނީތީގެ މި ފިލްމު މި މަހު އަޅުވާއިރު މި މަހު 26ގައި ޕަރިނީތީގެ އެހެން ފިލްމެއް ވެސް ރިލީޒްކުރާނެ އެވެ.

އަރުޖުން އާ ޕަރިނީތީ ވަނީ މީގެ ކުރިންވެސް އެކުގައި ދެ ފިލްމަކުން ފެނިގެން ގޮއްސަ އެވެ. އެއީ 2012 ވަނަ އަހަރު ނުކުތް ފިލްމު "އިޝަގްޒާދޭ" އާ 2018 ވަނަ އަހަރު ނުކުތް "ނަމަސްތޭ އިންގްލެންޑް" އެވެ.