11 Mar 2021, 09:19
ވޮޝިންޓަން (މާޗް 9) : ކޮވިޑް-19 ގެ ވެކްސިން އަށް ބަލާއިރު ދުނިޔޭގައި އެންމެ ގިނައިން ބޭނުން ކުރަމުން ގެންދަނީ އެމެރިކާއާއި ޖަރުމަނު ގުޅިގެން އުފައްދާފައިވާ "ފައިޒާ ބިއޮންޓިކް" ވެކްސިން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން 69 ގައުމަކުން "ފައިޒާ ބިއޮންޓިކް" ވެކްސިން ބޭނުން ކުރަމުން ގެންދާއިރު ދެވަނައަށް އެންމެ ގިނައިން ބޭނުންކުރަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ސްވިޑްން ގުޅިގެން އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިންއެވެ. މި ވެކްސިން 62 ގައުމަކުން ބޭނުން ކުރަމުން ގެންދާ ކަމަށްވެއެވެ. ތިންވަނައަށް އެންމެ ގިނައިން ބޭނުންކުރަނީ އެމެރިކާއިން އުފައްދާފައިވާ މޮޑާނާ ވެކްސިން އެވެ. އެ ވެކްސިން 30 ގައުމަކުން ބޭނުންކުރާއިރު ރަޝިއާގައި އުފައްދާފައިވާ ސްޕޮޓްނިކް V ވެކްސިން އާއި ޗައިނާގައި އުފައްދާ ސިނޮފާމް ވެކްސިން މިއިން ކޮންމެ ވެކްސިން އެއްވެސް 18 ގައުމަކުން ބޭނުން ކުރަމުން ގެންދާ ކަމަށްވެއެވެ.
ފައިޒާ ވެކްސިން އާއި އެސްޓްރަޒެނެކާ ވެކްސިން އަދި މޮޑާނާ ވެކްސިންވެސް ގިނައިން ބޭނުންކުރަނީ މުއްސަނދި ގައުމުތަކުންނެވެ. މުޅި ދުނިޔެ ކޮވިޑް ވެކްސިންއަށް ޖެހިފައިވާ މިދަނޑިވަޅުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައްފަދަ މުއްސަނދި ގައުމުތަކުން އިސްކަން ދެނީ ހަމައެކަނި އެގައުމުތަކަށް ވެކްސިން ޔަގީން ކުރުމަށެވެ. ފަގީރު ގައުމުތަކަށް ވެކްސިންގެ އެހީ ވާންޖެހޭ ވަރާ ގާތަށްވެސް ނުވާކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ މައްޗަށްވަނީ ކުރެވިފައެވެ.
ހަމަހަމަކަމާއެކު ހުރިހާ ޤައުމަކަށް ވެކްސިން ނުލިބިދާނެކަމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި އެފްރިކާގެ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވަނީ ޗައިނާއާއި ރަޝިއާއިންނެވެ. އެދެގައުމުން އެފްރިކާގެ ގައުމުތަކަށް ވެކްސިންގެ ޝިޕްމަންޓްތައް ފޮނުވަން މަސައްކަތްކުރާއިރު މިތަކެތި ފޮނުވޭގޮތްވުމުން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ވެކްސިންއަށް ރަޝިއާގެ ސްޕޮޓްނިކް V ވެކްސިން އާއި ޗައިނާގައި ސިނޮފާމް ވެކްސިން ވެގެންދާނެކަމަށް ތަޖްރިބާކާރުން އަންދާޒާ ކުރައްވައެވެ.
ކޮވިޑް-19 އާ ދެކޮޅަށް މިހާރު ބޭނުންކުރަން ފަށާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާގެ "ސްޕަޓްނިކް V" ވެކްސިން (92 އިންސައްތަ ގެރެންޓީ)، އެމެރިކާއާއި ޖަރުމަނުގެ "ފައިޒާ ބިއޮންޓިކް" ވެކްސިން (95 އިންސައްތަ ގެރެންޓީ)، އިނގިރޭސިވިލާތާއި ސްވިޑްންގެ "އަސްޓްރާ ޒެނިކާ" ވެކްސިން (62 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ ގެރެންޓީ)، ޗައިނާގެ "ސިނޮފާމް" ވެކްސިން (79 އިންސައްތައިގެ ގެރެންޓީ)، އެމެރިކާގެ "މޮޑާނާ" ވެކްސިން (95 އިންސައްތައިގެ ގެރެންޓީ)، އެމެރިކާގެ "ނޮވަވެކްސް" ވެކްސިން (90 އިންސައްތައިގެ ގެރެންޓީ) ، އެމެރިކާގެ "ޖޯންސަން އެންޑް ޖޯންސަން" ވެކްސިން (72 އިންސައްތައިގެ ގެރެންޓީ)، އަދި ޗައިނާގެ "ކޮރޯނާވެކް" ވެކްސިން އެވެ.
ދުނިޔޭގައި އެންމެ ބާރު ސްޕީޑެއްގައި (އަދަދުގެ ގޮތުން) ވެކްސިން ދެމުން ގެންދާ ތިންގައުމަކީ އެމެރިކާ، ޗައިނާ އަދި އިނގިރޭސިވިލާތެވެ. އެމެރިކާއިން 90 މިލިޔަން މީހުންނަށް ވެކްސިން ދީފައިވާއިރު ޗައިނާއިން 55 މިލިޔަން މީހުންނަށް ވެކްސިން ދީފައިވެއެވެ. އިނގިރޭސިވިލާތުން ވެކްސިން ދީފައިވަނީ 24 މިލިޔަން މީހުންނަށެވެ.
އާބާދީގެ ނިސްބަތުން ދުނިޔޭގައި ކޮވިޑް ވެކްސިންގެ ކަވަރޭޖް އެންމެ މަތީ ފަލަސްތީނުގެ ބިމަށް އިސްތިއްމާރީ އުސޫލުން ވެރިވެގަނެގެންއުޅޭ އިސްރާއީލުގައެވެ. އިސްރާއީލުންވަނީ އެގައުމުގެ ރައްޔިތުންގެ ގާތްގަނޑަކަށް 75 އިންސައްތަ މީހުންނަށް ބޭނުންވާވަރަށް ކޮވިޑް ވެކްސިން ހޯދައި އެކަން ކަށަވަރުކޮށްފައެވެ. ނަމަވެސް އިސްރާއީލު ގެންދަނީ އެގައުމުން އަޅުވެތިކޮށްގެންއުޅޭ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ކޮވިޑް ވެކްސިން އިން މަހްރޫމް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)