04 Feb 2012, 08:03
ތެހެރާން (ފެބްރުއަރީ 4): އީރާނުން އަނެއްކާވެސް އިތުރު ސެޓަލައިޓެއް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވާލައިފި އެވެ.
ރޭ އިރާކޮޅުގެ ވަގުތެއްގައި އީރާނުން މި ސެޓަލައިޓް ފަޒާއަށް ފޮނުވާލާފައިވަނީ ތެހެރާންގެ ކައިރީގައިވާ އީރާނުގެ ފަޒާއާބެހޭ ސްޓޭޝަނަކުންނެވެ. ކަފުޝްގާރު ނަމަކަށް ކިޔާ ބާރުގަދަ ރޮކެޓެއްގެ އެހީގައި އީރާނުން މިފަހަރު ފޮނުވާލާފައިވަނީ 50 ކިލޯގްރާމްގެ ބަރުދަންހުރި ސެޓަލައިޓެކެވެ.
އީރާނުގެ ފަޒާއާބެހޭ އިދާރާ ބުނިގޮތުގައި "ނަވީދް" ގެ ނަމުން ނަންދެވިފައިވާ މި ސެޓަލައިޓް އުދުއްސާލިތާ 15 ވަރަކަށް މިނިއްޓު ތެރޭގައިވަނީ އޭގެ އޯބިޓަށް ވާސިލްވެފައެވެ. ގަޑިއަކު އެތައް ހާސް ކިލޯމީޓަރެއްގެ ބާރު މިނުގައި ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ އީރާނުގެ މި ސެޓަލައިޓް އޭގެ އޯބިޓްގައި އޮވެގެން ކޮންމެ 90 މިނިއްޓަކުން އެއްފަހަރު ދުނިޔެ ވަށައިގެން ބުރެއްޖަހާނެ އެވެ. މި ސެޓަލައިޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ބިމުގެ ސަތުހުން ފެށިގެން 250 ކިލޯމީޓަރާއި 370 ކިލޯމީޓަރުގެ ދެމެދުގައިވާ އޯބިޓެއްގައެވެ.
މިއީ މިހާ ބޮޑު ސެޓަލައިޓެއް އީރާނުން ޖައްވަށް ފޮނުވާލި ފުރަތަމަ ފަހަރެވެ. މީގެކުރިން އީރާނުން ޖައްވަށް ފޮނުވާފައިވަނީ މިއަށްވުރެ ކުޑަ ދެ ސެޓަލައިޓެވެ. އެއީ "ރަސްދު" ނަމަކަށް ކިޔާ ސެޓަލައިޓަކާއި "އުންމީދު" ނަމަކަށްކިޔާ ސެޓަލައިޓެކެވެ.
ސައެންޓިފިކް ދާއިރާގައި އާދަޔާޚިލާފް ކުރިއެރުންތަކެއް ހޯދަމުންގެންދާ އީރާނަކީ ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ފުރިހަމަ ޤާބިލުކަން މިހާތަނަށް ލިބިފައިވާ ހަމައެކަނި އިސްލާމީ ޤައުމެވެ. ނަމަވެސް އިސްލާމީ އެހެން ޤައުމެއް ކަމަށްވާ ތުރުކީ މިދިޔަ ޑިސެމްބަރުމަހު ވަނީ ތަޖްރިބާކުރުމުގެ ގޮތުން ޑަމީ ސެޓަލައިޓެއް ފަޒާއަށް ފޮނުވާފަ އެވެ.
އީރާނުން މި ސެޓަލައިޓް ޖައްވަށް ފޮނުވާލާފައިވަނީ 3 ފެބްރުއަރީ 1979 ގައި އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޚުމައިނީ އެޤައުމަށް ގެންނެވި އިސްލާމީ އިންޤިލާބުގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. އީރާނުން މިސެޓަލައިޓް ފޮނުވާލާފައިމިވަނީ 10 ހާސް ކިލޯމީޓަރުގެ ރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއް އީރާނުން ތަރައްޤީކުރަމުން ގެންދާކަމުގެ ޖާސޫސީ މަޢްލޫމާތުތަކެއް އިސްރާއީލުން ފަތުރާފައިވަނިކޮށެވެ.
ނިއުކްލިޔަ ވޯހެޑް އުފުލޭގޮތަށް އީރާނުން ތައްޔާރުކުރާ މި މިސައިލް އެމެރިކާއަށް ވެސް ފޯރާނެކަމަށް އިސްރާއީލުން ބުނެއެވެ. މި ސްޓްރެޓީޖިކް މިސައިލާ ބެހޭގޮތުން އީރާނުން އެއްވެސް ބަޔާނެއް އަދި ދީފައެއްނުވެ އެވެ.
އީރާނުން ރޭ ޖައްވަށް ފޮނުވާލި ސެޓަލައިޓަކީ ދުނިޔޭގެ މޫސުމާއި ގުދްރަތީ ކާރިސާތަކާބެހޭ މަޢްލޫމާތު އެއްކުރުމުގެ އިތުރުން ބިމުގެ އަޑީގެ ބައެއް ހިސާބުތަކުގެ ފޮޓޯތައް ނެގުމަށް ޚާއްސަކޮށްފައިވާ ބާރުގަދަ ކެމެރާތަކެއް ވެސް އެކުލެވޭ ސެޓަލައިޓެއް ކަމަށް އެޤައުމުގެ ފަޒާއާބެހޭ އިދާރާއިން ބުނެއެވެ. އީރާނުންވަނީ 2018 ގެކުރިން އިންސާނަކު ޖައްވަށް ފޮނުވުމަށް ރާވާފައިވާކަން ހާމަކޮށްފައެވެ.
އީރާނުން މިސެޓަލައިޓް ޖައްވަށް ފޮނުވުމުން އެމެރިކާވަނީ އީރާނަށް ލިބިފައިވާ ސައެންޓިފިކް ޤާބިލްކަން ޢަސްކަރީ ޓެކްނޮލޮޖީ އާއި ހަތިޔާރާއި އެނޫން ޢަސްކަރީ ހާޑްވެއަރ ތަރައްޤީ ކުރުމަށް އެޤައުމުން ބޭނުންކޮށްފާނެ ކަމުގެ ބިރުހީވާކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. – ޕްރެސްޓީވީ، އަލްޖަޒީރާ