ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ގޮތުގައި 2022 ވަނަ އަހަރު ފާހަގަ ކުރާއިރު އެކަމުގެ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އިފްތިތާހު ކޮށްފި އެވެ.

މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމއްޔާތެއްގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި އަދިވެސް އެ މަސައްކަތުގައި ދެމިހުންނެވި، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކެވެ.

ލޯގޯ އިފްތިތާހު ކުުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުުރުމުގައި ހަރަކާތްތެރިވެލެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް އަދި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ ބައިވެރިވެވަޑައިގަތެވެ.

ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ ފަރުމާ ކޮށްފައި ވަނީ އަބްދުﷲ ނަޝާތު އަދި މުހައްމަދު އަޒްލިފް އެވެ.

އެ ލޯގޯ އިން ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ރީތިކަން އަދި ސަގާފަތާއި ތަރިކަ ރަމްޒުކޮށްދެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ނިންމާފައި ވަނީ 2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަ ކުރުމަށެވެ.

ރަންޔޫބީލް އާ ގުޅުން ހުރި ހަރަކާތްތަކުގައި މިއަދު އިފްތިތާހު ކުރި ލޯގޯ ބޭނުންކުރާނެ އެވެ.