މަސްވެރިން ބުނާ ގޮތުން ނަމަ އެމްއެމްއޭ ކުރިމަތިން ދޯނިތައް އަޅާ ސަރަހައްދަކީ އެމީހުންގެ ސަރަހައްދެކެވެ. އެމީހުންގެ ގެ ކަމަށް ބަލައިގެން އުޅޭ ބިޔަ، ޒަމާނީ އޮޑިފަހަރު ހިމާޔަތުގައި ބޭއްވޭނީ ރާޅު ނެތް އެ ސަރަހައްދުގަ އެވެ. އެގޮތުގައި ތިއްބާ އުފުލުނީ ސިޔާސީ ރާޅެކެވެ. އެ ރާޅުގައި ރާއްޖެ ހަލަބޮލިވެ އެމްއެމްއޭ ސަރަހައްދު މުޒާހަރާގެ "ކަނޑަކަށް" ބަދަލުވީ އެވެ. އޭގެ ކުރިން އެ ސަރަހައްދުގައި މަސްވެރިން މުޒާހަރާ ޖެއްސި އެވެ. އެމީހުންގެ ދޯނި ފަހަރު ނަގަން މާލޭ ސިޓީ ކައުންސިލުން ދިމާ ކުރުމުންނެވެ. ދެ ފަހަރަށް މަސައްކަތް ކޮށްގެން ވެސް އެކަމުގައި ސިޓީ ކައުންސިލަށް ޖެހުނީ ބޮޅެކެވެ.

އޭގެ ފަހުން އެ ސަރަހައްދުގައި ދެން ފެށުނީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އެވެ. ސިލްސިލާކޮށް ކޮންމެ ރެއަކު ޖައްސާ މުޒާހަރާތައް ދިގުލައިފައިވާ އިރު މާލޭ ސިޓީ ކައުންސިލުން ވަނީ ކުއްލި ގޮތަކަށް އެދެމަދަށް ވަދެ ދިގު ފެންސެން ދަމާލާފަ އެވެ.

ސިޓީ ކައުންސިލުން ބުނާ ގޮތަށް އެއީ ވަރަށް މުހިންމު، އެހާ ބޭނުންތެރި މަސައްކަތެއްގެ ފެށުން ކަމަށް ވެދާނެ އެވެ. އަދި އެއީ ރަނގަޅު ނިޔަތުގައި ފެށި ގިނަ ފަސޭހަތަކެއް އަންނާނެ ޕްރޮޖެކްޓަކަށް ވެސް ވެދާނެ އެވެ. ނަމަވެސް ސުވާލު އުފެދުނީ މީގެ ކުރިން މަސްވެރިންގެ އުޅަނދު ފަހަރު އެ ސަރަހައްދުން ނަގަން ކުރި "ހަނގުރާމަ"އިގައި މޮޅެއް ނުލިބި އޮއްވާ ހަމަ އެ ސަރަހައްދުގައި ވަރުގަދަ މުޒާހަރާތަކެއް ހިނގަމުން ދަނިކޮށް ކުއްލި ގޮތަކަށް ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި ސަރުކާރުގެ ވެރިން، ރޭގަނޑެއްގެ ވަގުތުގައި ލޭބަރުންނާއި ކޯރާޑިއާއި މަރުތޭލާއި ދަގަނޑާއި ޓިނު ހިފައިގެން ނުކުމެ މުޒާހަރާގެ މެދަށް، މަސްވެރިންގެ މޫނު މައްޗަށް ފެންސް ދަމާލުމުންނެވެ.

"އެރެއިން އެރެއަށް ވަރުދައްކާފައި މި ބިއްގަނޑު ޖެހި ގޮތަކަށް ހަބަރެއް ނުވޭ. ރޭގަނޑު މީހުންނާއި ތަކެތި ހިފައިގެން ވެރިން ނުކުމެ މިތަނުގައި ހިނގަހިނގާ އޮތް މުޒާހަރާގެ މެދަށް ވަދެ ޖަހާފައިވާ މިވާ ދަގަނޑު ފެންސަކީ ޖެއްސުމަށް ކޮށްފައިވާ ކަމެއް. ޖެންސުން ކޮށްފައި މިވަނީ މުޒާހަރާ ކުރާ މީހުންނަށާއި މަސްވެރިންނަށް،" ކަންނެލި ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ. "އެރޭ ހީވި ތަކެތި ނައިސްގެން ނުފެށި އޮވެފައި ތަކެތި ލިބިގެން އެރެއިން އެރެއަށް ބޮޑު ބަނދަރެއް މިތާ ހަދާ ނިންމާން އުޅުނު ހެން. އެކަމަކު މިފެންސާ ހުރެ މުޒާހަރާ ކުރާ މީހުން ޖުމްހޫރީ މައިދާނާ ތަންކޮޅެއް ދުރަށް ފޮނުވާލުމުގެ ހިތްހަމަޖެހުން ލިބުމުން ދެން ހަބަރެއް ވެސް ނުވޭ. މިހާރު ޖެހި ބިއްގަނޑު ބައިބައި ވެއްޓެން ފަށައިފި،"

އިދިކޮޅު މުޒާހަރާގެ މެދަށް ޖެހި ފެންސުގެ ސަބަބުން މުޒާހަރާއަކަށް ބަދަލެއް ނާދެ އެވެ. ހަމައެކަނި އެމްއެމްއޭ ކުރިމަތިން ފަހަތަށް ޖެހިލުން ފިޔަވަ އެވެ. ނަމަވެސް ޓިނު ފުޅަފުގެ ސަބަބުން މަސްވެރިންނަށް ވަނީ ދައްޗާ ކުރިމަތިވެފަ އެވެ. އެމީހުންގެ މޫނުމަތިން މުޅި ބަންދުކޮށްލާފައިވާ އިރު އެކަމާ ރުޅިގަދަވެ ތިބީ ލޭ ހޫނުވެފަ އެވެ. ދޯނި ފަހަރުގެ ފަޅުވެރިންނާއި ކެޔޮޅުންގެ ޝަކުވާއަކީ ސިޓީ ކައުންސިލުގެ ފެންސްގެ ސަބަބުން އެ މީހުންގެ ވިޔަފާރިއަށް ހިޔަނި އެޅިފައިވާ ކަމަށެވެ.

"މީ ހަމަ [މަސްވެރިންނަށް] ދުއްތުރާ ކުރަން ކޮއްފައިވާ ކަމެއް. އަހަރެމެން މިހެން ތިއްބާ ވަށައިގެން ބައްދާލީ. މިހާރު ނެތް މަސް ބާސްކެޓެއް ހިފައިގެން ނުކުންނާނެ ގޮތެއް ވެސް، އަރާނެ ގޮތެއް ވެސް" އެކަކު ބުންޏެވެ.

މަސްވެރިން ބުނަނީ ސިޓީ ކައުންސިލުން އެމީހުންގެ މޫނުމައްޗަށް ދަމާލި ދަގަނޑު ފުޅަފުގެ ސަބަބުން މަސައްކަތުގެ މައިދާން ހަނިވެ ވަށައިގެން ފޮރުވި، މާރުކޭޓަށް މަސް އެރުވުމަށާއި ދޯންޏަށް ފެންލުން ފަދަ ކަންކަމުގައި ތުރާލާ ކުރިމަތިވެ ލޯޑު ބޮޑުވެފައިވާ ކަމަށެވެ.

"އަހަރުމެން މިހާރު މަސްއަރުވަން [މާރުކޭޓަށް] ދާން މިޖެހެނީ މަގު ވަށާލާފައި. ކުރިން ހަމަ ސީދަލަށް ގޮސް އަރުވަންވީ. އަދި މިހާ ކާރޫބާރޫ މަގެއްގައި [މާރު ކޭޓް ވަށާލާފައި] އަނެއް ފަޅިން ދާންޖެހުނީމަ ދުއްވާ އެއްޗިއްސަށް ވެސް އުނދަގޫވޭ،" ކަންނެލި ދޯންޏެއްގެ ކެޕްޓަނަކު ބުންޏެވެ.

ސިޓީ ކައުންސިލުން އެއް ރެއެއްގެ ހަތަރު ފަސްގަޑިއިރު ހޭދަކޮށްގެން ޖެހި ފެންސާ ބެހޭ ގޮތުން ގިނަ މަސްވެރިން ބުނަނީ އެއީ ދަނޑިވަޅު ބަލާފައި މޮޅަށް ކުޅެލި ކުޅިއެއް ކަމަށެވެ.

"އެމީހުނަކަށް [ސިޓީ ކައުންސިލަކަށް] މިތަނުން ދޯނިފަހަރެއް ނުނެގުނު އެކަމުގައި ބޮޅެއް ޖެހުނީ. އެހެން އޮއްވާ މުޒާހަރާ ކުރަން ފެށީ. އެކަމެއް ވެސް ނުހުއްޓުވުނު، އެހެންވެ ދަނޑިވަޅު ބަލާފައި މޮޅު ކަމެއް ކޮށްލީ،" ޒުވާން މަސްވެރިޔަކު ބުންޏެވެ.

ސިޓީ ކައުންސިލްގެ ފެންސަކީ ސަރުކާރުން މަސްވެރިންގެ މޫނުމަތީގައި ޖެހި ދަގަނޑު ތަފާލެއް ކަމަށް ބައެއް މަސްވެރިން ބުނި ނަމަވެސް މާލޭ ސިޓީ ކައުންސިލުގެ ނިޔަތް ތެދު ކަމަށް އެ ކައުންސިލުން ބުނެ އެވެ. މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވި ގޮތުގައި މިވަގުތަށް ކަޅާއި ރީނދުލުގެ ފެންސެއް ފެންނަން ހުއްޓަސް އަންނަ ހަފުތާގެ ތެރޭ އެ ސަރަހައްދުގައި ފެރީ ޓާމިނަލްއެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށާނެ ކަމަށެވެ.

ކުއްލިއަކަށް ޖެހި ފެންސްގައި މޭޔަރު އަލިބެ ކުލަޖައްސަވަނީ ރީތިކޮށް މިހެނެވެ؛ އެއީ ފައްކާ ހިދުމަތް ލިބޭނެ ޒަމާނީ ޓާމިނަލެކެވެ. އެ ޓާމިނަލް، ފެރީ ގިމަތައާ އެކު ނިމޭއިރު ބޭރުން އަންނަ ޕެސެންޖާ ލައިންތަކަށް ހާއްސަ ބަޔެއް ހުންނާނެ އެވެ. ރިސޯޓްތަކުން އަންނަ ލޯންޗްތައް ވެސް ކައިރި ކުރާނީ އެ އެ ސަރަހައްދަށެވެ. ސަރަހައްދު ވަރަށް ނަލަވާނެ އެވެ.


"މިހާރު އެއީ ފެންސެއް. ނަމަވެސް އަންނަ ހަފުތާއަށް ބައްލަވާ ތިބޭފުޅުން ވެސް. އެތަނުގައި ފެރީ ޓާމިނަލްއެއްގެ މަސައްކަތް ފެށޭނެ،" މޭޔަރު ވިދާޅުވި އެވެ. "އެމްޓީސީސީން އެމީހުން މަސައްކަތް ކުރާ އެހެންތަނަކުން އެ މަސައްކަތް ނިންމާލާފައި [އެއްޗެހިތައް] އެބަގެނޭ. އެހެންވީމަ އާދިއްތަ ހޯމަ ހިސާބުގައި މަސައްކަތް ފަށާނެ،"

ސިޓީ ކައުންސިލުން ފެރީ ޓާމިނަލެއްގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ފެށި ނަމަވެސް މަސްވެރިން ތިބީ ރުހިގެނެއް ނޫނެވެ. ނައިފަރު ކަންނެލި އޮޑިއަކުން އިސްމާއިލް ހަމީދު ބުނީ ސިޓީ ކައުންސިލުން މަސްވެރިންގެ މޫނު މައްޗަށް ފެންސެއް ޖެހުމުގެ ނިޔަތަކީ މުޒާހަރާ މައިތި ކުރުމާއެކު ސިޓީ ކައުންސިލަށް ގުޑުވައި ނުލެވުނު މަސްއޮޑި ފަހަރު ބޭރުކޮށްލު ކަމަށެވެ.

"އަހަރުމެން [މަސްވެރިން] އެކުވެއްޖެ ނަމަ ފެންސުތައް ވާޖަހާ ދަމައިގަންނާން،" އޭނާ ބުނެލި އެވެ. "މާލެ އައިސް އަހަރުމެންގެ ވިޔަފާރި ކުރެވޭނެ ފަސޭހަ ގޮތެއް ސަރުކާރުން ހަދައިނުދެނީސް މި ތަނަކުން ނުދާނަން. މިތަނަށް ކައިރި ނުކުރެވެންޏާ ދެން ދާނީ ރައީސް އޮފީސް ކުރިމައްޗަށް. 700 އެއްހާ ދޯނި ނުކުމެ އެ ސަރަހަށް ކައިރިން ކުރަން އުޅޭއިރު މަންޒަރު ރީއްޗެއް ނުވާނެ ދެއްތޯ،"

މަސްވެރިންގެ ވާހަކަތަކަށް އަލިބެ ދެއްވާ ޖަވާބަކީ މިއެވެ: "މަސައްކަތް ފެށުމުން އެ ސަރަހައްދުން އެމީހުން [މަސްވެރިން] ދާނެ ކަމަށް ގަބޫލުކުރައްވާ!"