މުޅި ދުނިޔެ ސިއްސުވާލި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ އިންޓަވިއުއަށް އެންމެފަހުން ޝާހީ ޢާއިލާއިން ޖަވާބެއް ދީފި އެވެ. އިންޓަވިއުގެ 36 ގަޑިއިރު ފަހުން ދިިން މި ޖަވާބުގައި ބަކިންގްހަމް ޕެލަސް އިން ބުނެފައި ވަނީ މޭގަން އާއި ހެރީގެ އިންޓަވިއުއަށް ފަހު މިތިބީ ވަރަށް ދެރަވެފައި ކަމަށާއި އަދި ދަރިފުޅު އާރޗީއާ މެދު ބެހެއްޓި ނަސްލީ ތަފާތުކުރުންތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

"މި ފާއިތުވި އަހަރުތަކުގައި މޭގަން އާއި ހެރީއަށް ކުރިމަތިވި ހުރަސްތަކުގެ ފުރިހަމަ ތަފްސީލުތަކަށް މުޅި އާއިލާއިން މިތިބީ ދެރަވެފައި،" އެ ސްޓޭޓްމަންޓްގައިވެ އެވެ.

މީގެ އިތުރުން ނަސްލީ ތަފާތުކުރުންތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ސްޓޭޓްމަންޓްގައި ބުނެފައިވާ އިރު، އެކަން ބަލާނީ އާއިލާގެ ޒާތީ ކަމެއްގެ ގޮތުގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބަކިންގްހަމް ޕެލަސް އިން ނެރުނު ސްޓޭޓްމަންޓަށް އިތުރަށް ކޮމެންޓް ކުރަން ހެރީ އާއި މޭގަން ބޭނުމެއް ނުވެ އެވެ.

މިއީ ހެރީ އާއި މޭގަން ޝާހީ އާއިލާގެ މެންބަރުކަމުން ވަކިވުމަށް ފަހު ދިން ފުރަތަމަ އިންޓަވިއު އަށް ވާއިރު، މި އިންޓަވިއުގައި ވަނީ ޝާހީ އާއިލާއަށް އަމާޒުވާ ގޮތަށްް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އާޗީ އާ ދޭތެރޭ ބެހެއްޓި ތަފާތުކުރުންތަކުގެ އިތުރަށް، އޭނާ އަށް ބަނޑުބޮޑުވި ދުވަސްވަރު ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވެ، އަމިއްލަ ފުރާނައަށް ނުރައްކާކުރުމުގެ އިހުސާސްތައް ކުރުވެނު ކަމަށާއި އަދި އެކަންކަމަށް ޝާހީ އާއިލާގެ ފަރާތުން އެއްވެސް ވަރެއްގެ އަޅާލުމެއް ލިބިފައިނުވާ ކަމަށް ވެސް މޭގަން ބުނެފައިވެ އެވެ.

އަދި އާއިލާގެ މެންބަރުކަމުން ވަގުތީ ގޮތުން ވަކިވި ހިސާބުން ވެސް މާލީ ގޮތުން ދެމުން ދިޔަ އެހީތެރިކަން އެއްކޮށް ހުއްޓާލި ކަމަށާއި ހެރީގެ ބައްޕަ އަދި ޕްރިންސް ޗާލްސް އެއްކޮށް ގުޅުން ކަނޑާލައި ފޯނު ނެގުން ވެސް ހުއްޓާލި ކަމަށް ހެރީ ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެ ގުޅުން ރަނގަޅުކުރުމަކީ އޭނާ އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމެއް ކަމަށް ހެރީ ބުންޏެވެ.

އެދުވަސްތަކުގައި ދިރިއުޅެވުނީ ހަމައެކަނި މަންމަ ޕްރިންސަސް ޑަޔާނާ އަވަހާރަވި އިރު ޕްރިންސް ހެރީއަށް ދޫކުރައްވާފައިވާ މާލީ އެހީތަކާއެކުގައި ކަމަށް ހެރީ ވަނީ ބުނެފަ އެވެ.

ހަމަ އެއާއެކު ހެރީއާއި އެންމެ ގާތުގައިވި ބޭބެ ޕްރިންސް ވިލިއަމްއާއި ދެމެދު އޮތް ގުޅުން ވެސް ހީނަރުވެފައިވާ ކަމަށް ހެރީ ބުނެފައިވެ އެވެ.

މި ވާހަކަތަކާ އެކު އިނގިރޭސިވިލާތާއި އަދި ދުނިޔޭގައިވެސް ޝާހީ އާއިލާއަށް އޮތް މަގުބޫލުކަން ބޮޑުތަނުން ވަނީ ކުޑަވެފަ އެވެ.