ކޮވިޑް19 އަށް ޕޮޒިޓިވް ހައި ރިސްކު 100 މީހަކު ފެސިލިޓީ އަށް ދާން ދެކޮޅު ހަދައި، ގޭގައި އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮނީޓަރިން ކްލަސްޓާގެ ފަރާތުން ސަނާ ސަލީމް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް 1516 މީހަކު މިވަގުތު ހޯމް އައިސޮލޭޝަނުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ހޯމް އައިސޮލޭޝަން ކްރައިޓީރިއާ އަށް ފިޓުވާ 1405 މީހުން ހިމެނޭ ކަމަށް ވެސް ސަނާ ވިދާޅުވި އެވެ.

"ގޭގައި ތިބި ބައެއް މީހުންގެ ތެރޭ އެބަތިބި ހައިރިސްކު ވީނަމަވެސް، ފެސިލިޓީ އަށް ދާން ރެފިއުސް ކޮށްފަ ގޭގއި ތިބި މީހުން. އެގޮތުން މިދިޔަ 14 ދުވަަށް ބަލާއިރު ހައިރިސްކު 100 ބޭފުޅުން އެބަތިއްބެވި ރެފިއުސް ކޮށްފައި ގޭގައި. ދެން އަދި ރޫޓިން ކޭސްތަކުގެ ތެރޭގައި އިމަޖެންސީ ހާލަތެއް ދިމާނުވި ނަމަވެސް ފެސިލިޓީ އަކަށް ދާން ބޭނުން ނުވާ ބޭފުޅުންގެ ތެރޭގައި 11 ބޭފުޅުން އެބަތިއްބެވި،" ސަނާ ވިދާޅުވިއެވެ.

ގޭގައި ތިބޭ މީހުންނަށް ގުޅައި ހާލު އޮޅުންފިލުވުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަނާ ވިދާޅުވީ ޕޮޒިޓިވް މީހުންގެ އިތުރުން ކޮންޓެކްޓުންގެ ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ ކެއާ ޓެގް އެޅުވިފައި ތިބި މީހުންނަށްވެސް ގުޅައި ހާލު ބަލާ ކަމަށެވެ.

"ކެއާ ޓެގޭ މިބުނަނީ 65 އަހަރުން މަތީގެ ބޭފުޅުންނާ 10 އަހަރުން ދަށުގެ ކުޑަކުދިން އަދި އެއްވެސް ކަހަލަ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރާނަމަ އެ ބޭފުޅުން،" ސަނާ ވިދާޅުވިއެވެ.

ސަނާ ވިދާޅުވީ ހާލު ބަލަން ގުޅާއިރު ޕޭޝަންޓުގެ ފަރާތުން މައްސަލަ އެއް ހުށަހަޅައިފިނަމަ އެކަން ހައްލު ކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

"މީގެ ތެރެއިންވެސް އަޅުގަނޑުމެން ހަމަ ވާހަކަ ދައްކާއިރު ވަރަށް ބޮޑަށް އެބަ ފާހަގަވޭ ކެއްސާ، ބައެއްފަހަރު ނޭވާ ލާން އުނދަގޫ ވެފައިވެސް ވާހަކަ ދެއްކުމުގެ ތެރޭގައިވެސް އެބަ ފާހަގަވޭ. ހާލު ކިހިނެއްތޯ އަހާލީމާ އެބަ ދަންނަވާ ރަނގަޅޭ. އެކަމަކު އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ އަލާމާތްތައް ހުންނަ ކަން. އެހެންވމާ މިކޮޅުންވެސް އެބަ ބާރު އަޅަން ޑޮކްޓަރަކާ ވާހަކަ ދައްކަން،" ސަނާ ވިދާޅުވިއެވެ.

ސަނާ ވިދާޅުވި ކޮވިޑްގެ އަލާމާތްތައް ކޮންމެ ގަޑިއެއްގައިވެސް ސީރިއަސް ވެދާނެ ކަމަށާއި އެކަންކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް19ގެ 2،535 އެކްޓިވް ކޭސް އެބައޮތެވެ. އޭގެ ތެރެއިން 165 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި 64 މީހަކު ރާއްޖެއިން މަރުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 18،428 މީހުންނެވެ.