ފުވައްމުކައް ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ މައްސަލަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހައިކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

އިދިކޮޅު ކޮލިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މެންބަރަކު މިރޭ "ސަން" އަށް ވިދާޅުވީ ފުވައްމުލަކު ހުޅަނގު ދެކުނު އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު، އާމިނަތު އިނާޔާގެ ކިބައިގައި އިންތިހާބަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށާއި އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު ބުނާގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކީ ފުލްޓައިމް ދަރިވަރަކަށް ވެގެން ނުވާނެއެވެ. ނަމަވެސް އިނާޔާ އަކީ ފުވައްމުލަކު ޒިކުރާ ސްކޫލުގައި ފުލްޓައިމް ކޯހެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށާއި އޭނާގެ މި ސެމިސްޓާގެ ފީ ވެސް ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ދައްކާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށް އިދިކޮޅުގެ ގާނޫނީ ޓީމްގެ މެމްބަރު ވިދާޅުވިއެވެ.

"އޭނާގެ އެ ޝަރުތު ހަމަނުވޭ، ލިޔެކިޔުންތަކާއެކު މި މައްސަލަ އިލެކްޝަނަށް ވެސް ވާނީ ހުށަހަޅާފައި،" ލޯޔަރު ވިދާޅުވިއެވެ.

ޕިޕީއެމް/ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު އަދި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ފުވައްމުލަކުގެ އެމްޑީޕީގެ ކެންޑިޑޭޓުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ހެއްކާއެކު ކަމަށާއި އެ މައްސަލާގައި އެ ކޮމިޝަނުން އިންސާފުވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލްކޮށްފިނަމަ އެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓު ހަދީޖާ ނާފިއާ އަށް ލިބޭނެއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓެއްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.