ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާނީ މިހާރަށްވުރެ ގިނަ މީހުން ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށް ނުވަނީ ވެކްސިން ޖަހާ މީހުންގެ އަދަދު އަދިވެސް މަދުކަމުން ކަމަށެވެ.

"މިވަގުތު އަދި ކޭސްތައް ދައްވަމުންދާ އަދި ތަންކޮޅެއް މަދު ވެކްސިން ޖެހިފަ ތިބި މީހުންގެ އަދަދު. މިއަށްވުރެ ބޮޑަށް ވެކްސިން ޖެހިގެން، ވެކްސިންގެ ސަބަބުން ބަލި ފެތުރުމަށް މަދުވުމަށް އަސަރު ކުރާނީ،" ޑރ. ނަޒްލާ ވިދާޅުވިއެެވެ.

ޑރ. ނަޒްލާ ވަނީ ވެކްސިން ޖެހޭ އުމުރުފުރާގެ މީހުން، ހާއްސަކޮށް ބަލި އެންމެ ބޮޑަށް ފެތުރެމުންދާ މާލެ ސަރަހައްދުގައި ތިބި މީހުން ވެކްސިން ޖަހަން އިލްތިމާސް ކުރައްވާފަ އެވެ.

"ހަމަ އެއާއެކު ބަލި ޖެހޭ މީހުންގެ އަދަދު ދަށްކުރުމަށްޓަކައި އެހެން ކަންތަކަށްވެސް ސަމާލުކަން ދޭން ޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދިން އަދަދަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭ ޖުމްލަ 7،862 މީހަކަށް ވެކްސިން ދީފައިވެއެވެ. އެއީ މާލެ ސަރަހައްދުން 4،083 މީހުން އަދި އަތޮޅުތަކުން 3،779 މީހުންނެވެ.

މިއާއެކު ރާއްޖެއިން ޖުމްލަ 165،675 މީހަކަށް ވެކްސިން ދީފައިވެއެވެ. އެއީ މާލެ ސަރަހައްދުން 95،362 މީހުން އަދި އަތޮޅު ތެރެއިން 70،313 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ.