09 Mar 2021, 23:25
ހއ. ބާރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 31 އަށް އަރައިފި އެވެ.
ހެލްތު އިމްޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބާރަށުން އިއްޔެ ފަސް މީހަކު އަދި މިމަހުގެ ހަތްވަނަ ދުވަހު އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހެކެވެ.
ރަށު ތެރެއަށް ބަލި ފެތުރުނީ އެމީހުންނާ އެއްގެޔެއްގައި އުޅުނު، އަދި އެމީހުންނާ ކޮންޓެކްޓުވި ބަޔަކު އެ ރަށުގެ ބައެއް މީހުންނާ ކޮންޓެކްޓް ވުމުންނެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް19ގެ 2،535 އެކްޓިވް ކޭސް އެބައޮތެވެ. އޭގެ ތެރެއިން 165 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.
މި ބަލީގައި 64 މީހަކު ރާއްޖެއިން މަރުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 18،428 މީހުންނެވެ.