ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ އިހުތިޖާޖު މިރޭ ނިމުނު ވަގުތު ރާއްޖެ ޓީވީގެ އެސިސްޓެންޓް އެޑިޓަރު މަރިޔަމް ދާނިޝް ނަޝީދު އަށް ބަޔަކު ހަމަލާދިނުމަށް މަސައްކަތްކޮށް ހަމަނުޖެހުން ހިންގައިފި އެވެ.

އާޓްފިޝަލް ބީޗުގައި މިރޭ ކުރިއަށް ގެންދިޔަ އިދިކޮޅު ޕާޓީތަކުގެ އެއްވުމުގެ ހަބަރުތައް ރާއްޖެ ޓީވީގެ 12:00 ހަބަރުގައި ކިޔައިދެމުން ދަނިކޮށް، ދާނިޝްއަށް ބަޔަކު ދިމާކޮށް، މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމުން އޭނާ އަށް ހިމާޔަތް ދިނީ ފުލުހުންނެވެ. މާރާމާރީ ހިންގުމަށް މަސައްކަތް ކުރި މީހުންގެ އަތްދަށުން ދާނިޝް ސަލާމަތް ކުރީ ރާއްޖެ ޓީވީގެ ކެމެރާމަނުންނާއި އިނދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން ޑީއާރްޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހު ވެސް މަސައްކަތް ކުރި އެވެ.

ދާނިޝް ބުނީ އޭނާ އަށް ހަމަލަދޭން މަސައްކަތް ކުރީ އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އިސްވެރިން އޭނާ އަށް ހިމާޔަތް ދިނުމަށް މަސައްކަތް ކުރި ނަމަވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު އޭނާ އަށް ހަމަލަދީ ހަޑިހުތުރު ބަހުރުވައިން މުހާތަބުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ދެން ބުނެވޭނީ (އަލީ އާރިފު) ޖެހީއޭ. އަތް ހޫރުވަމުން ގޮސް އަޅުގަނޑުގެ ކޮނޑާ ދިމާލުގައި އޭނާ ޖެހީ. ވަރަށް ހަނޑިހުތުރު ބަހުރުވައިން އަޅުގަނޑާ މުހާތަބުކޮށް ވާހަކަ ދެއްކީ ވެސް،" ދާނިޝް ބުންޏެވެ.

އަލީ އާރިފު ވިދާޅުވީ އޭނާ މަަސައްކަތް ކުރެއްވީ ދާނީޝް ސަލާމަތް ކުރައްވަން ކަމަށާއި "އަޅުގަނޑު ބުނިހާ ވާހަކައަކީ ވެސް މިތާހުރެގެން ދޮގު ނުހަދައި ދިޔުމަށް" ކަމަށެވެ.

އާރިފު ވިދާޅުވީ އޭނާ ވެސް މަސައްކަތް ކުރެއްވީ އިލްހާމެކޭ އެއްގޮތަށް އެތަނުގައި ތިބި މީހުންގެ ފަރާތުން ދާނިޝް އަށް އެއްވެސް ކަމެއް ވިޔަ ނުދީ އޭނާ ސަލާމަތް ކުރެއްވުން ކަމަށާއި އެ ބޭފުޅުންނަކީ އެފަދަ ކަންކަން ކުރާ ފަދަ ދަށުދަރަޖައިގެ ބޭފުޅުން ނޫން ކަމަށެވެ.

މިރޭ އާޓްފިޝަލް ބީޗުގައި ހިނގައިދިޔަ ހަމަނުޖެހުންތާ ގުޅިގެން ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މިރޭގެ އެއްވުމުގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ހަމަލަދިނުމަށް މަސްކަތްކޮށްފައިވާ އިރު، ސިލްސިލާ މުޒާހަރާތަކުގައި ނޫސްވެރިންނަށް ވަނީ އެކިވަރުގެ އަނިޔާތަކެއް ލިބިފަ އެވެ. އެގޮތުން އެމްއެންބީސީގެ ނޫސްވެރިއަކަށް ހަމަލަދީ މާރާމާރީ ހިންގާފައިވާ އިރު، ހަވީރުގެ ފޮޓޯގްރާފަރެއްގެ ބޯ ފަޅާލާފައިވެ އެވެ.