ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ހަރަކާތެއްގައި ބައިވެރިވި މައްސަލަ ޖުމްހޫރީ ޕާޓީ އިން ބަލާނެ ކަމަށް އެޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހު މިރޭ "ސަން" އަށް ވިދާޅުވީ އެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަންވެސް ޕާޓީ އިން ކުރާނެ ކަމަށެވެ.

އަދި ޖޭޕީ އިން އިންތިހާބަށް ނިކުންނަނީ އަމިއްލަ ކެންޑިޑޭޓުންނާ އެކު ކަމަށާއި، އެ ޕާޓީ އޮތީ ސަރުކާރު ކޯލިޝަނުގައި ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީ އިން އިންތިހާބުގައި އިތުރު ޕާޓީއެއްގެ ބަޔަަކަށް ތާއީދުކުރަންވެސް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

"[މަލީހު އިދިކޮޅުގެ ހަރަކާތުގައި ބައިވެރިވިތަން] ފޮޓޯ އަކުން ފެނުނު، އެއީ ޖުމްހޫރީ ޕާޓީ އަށް އެނގިގެން ވީ ކަމެއް ނޫން، ޕާޓީ އަ ގުޅުން ހުރި ކަމެއްނޫން،" އަލީ ސޯލިހު ވިދާޅުވިއެވެ.

މަލީހު ވަނީ ރޭ ވަނީ އިދިކޮޅުން ބޭއްވި ފުވައްމުލަކުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

މަލީހު ވިދާޅުވީ ރަސްމީކޮށް އިދިކޮޅާ ގުޅިވަޑައި ނުގަންނަވާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ނެތް ދާއިރާތަކަށް އަޅުގަނޑު ކެމްޕެއިން ކުރާނީވެސް، މަސައްކަތް ކުރާނީވެސް އެމްޑީޕީ ފިޔަވައި ދެން ތިބި ކެންޑިޑޭޓުންނަށް. އެއީ ޕީޕީއެމް ވިޔަސް، އަދާލަތު ޕާޓީ ވިޔަސް، މިނިވަން ކެންޑިޑޭޓުންވިޔަސް. އެމްޑީޕީއާ ދެކޮޅަށް،" ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރަނީ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް އެޕާޓީއަށް ލިބިއްޖެ ނަމަ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމް ގެނައުމަށް އިތުރު ބާރެއް ލިބޭނެތީ ކަމަށެވެ. އަދި އެކަން އެގޮތަށް ވުމަށް ދޫކޮށްނުލާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

"ބޮޑު އަގުލަބިއްޔަތެއް ލިބިއްޖެނަމަ، ބަރުލަމާނީ ނިޒާމަށް ރާއްޖެ ފުރޮޅާލުމަށް ރައީސް ނަޝީދަށް ލިބޭ އިތުރު ބާރަކަށް ވާނެ. އެހެންވީމަ އަޅުގަނޑުމެން، މި ކޮޅު ތިބި ހުރިހާ ޕާޓީއަކީ ރިޔާސީ ނިޒާމަށް ތާއީދު ކުރާ ޕާޓީތައް، އެ ނިޒާމް ބީވެގެންދާކަށް ބޭނުންމެއް ނޫން،" މަލީހު ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް ބޮޑު ވަޒީރުކަމުގެ މަގާމު ނުލިބިގެން ރަނގަޅަށް ނިދި ނުކުރެއްވިގެން އެ އުޅެނީ. އެހެންވީމަ އެ ފުރުސަތު ނުދިނުމަށް އަޅުގަނޑުމެންނަށް ވެވެން އޮތް ގުރުބާނީއެއް ވާން އެބަޖެހޭ،"

މަލީހު ވިދާޅުވީ، އޭނާއަކީ އަދިވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށާއި އެގޮތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ކުރައްވާ މަސައްކަތެއް ކުރައްވަނީ ރިޔާސީ ނިޒާމްގެ ދިފާއުގައި އެމްޑީޕީއާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.