ފުވައްމުލައް ސިޓީގެ މޮނީޓަރިން ހާލަތު އުވާލައިފި އެވެ.

ކޮވިޑް19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މަހެއްހައި ދުވަސް ވަންދެން އެ ސިޓީގައި މިނޯޓަރިންގެ ހާލަތު އިއުލާނުކޮށްފައި އޮތުމަށްފަހު، އެ ހާލަތު އުވާލާފައިވަނީ މިއަދުއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ސަން" އަށް ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ގެ ކޭސްތައް ފެނުނު ހިސާބުން އެ ސިޓީގައި އޮތީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

ނަމަވެސް އެ ފިޔަވަޅުތަކާއެކުވެސް އެ ސިޓީ އަށް "ކޮވިޑުގެ ބޮޑު ރާޅެއް" އެރީ ކަމަށާއި މި އާއެކު އެނގިގެންދިޔައީ ބަލީގެ ނުރައްކާ ކޮންމެ އިރަކުވެސް އަތުވެދާނެ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުވައްމުލަކުން ތިން ކްލަސްޓާ ފާހަގަވެގެން ދިޔަ. އެ ތިން ކްލަސްޓާ ވެސް އައި ގޮތަށް ބަލާއިރު ހަމަ އެކަހަލަ ކްލަސްޓާއެއް އަނެއްކާވެސް އަތުވެދާނެ ރައްޔިތުން ރައްކާތެރިކަމަށް ނުބަލާ ތިބެއްޖެނަމަ،" ސައީދު ވިދާޅުވިއެވެ.

އެރަށުން ފެނުނު ކްލަސްޓާތަކުން 50 އަށް ވުރެ ގިނަ ކޭސް ފެނިފައިވެއެވެ.

ސައީދު ވިދާޅުވީ ރަށުތެރޭއުޅޭޭއިރު އަދި އާއިލާތެރޭ އުޅޭއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެން ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

"ވެކްސިން ޖަހަމުންދާއިރު، ވެކްސިން ޖެހޭ ހާލަތުގައި ތިއްބެވި ބޭފުޅުން ވެކްސިން ޖައްސަވާ،" ސައީދު ވިދާޅުވިއެވެ.