ބެންކޮކް (މާޗް 9): ތައިލޭންޑަށް ޔޮޓުގައި ދާ ފަތުރުވެރިންނަށް އެ އުޅަނދުގައި 14 ދުވަހަށް ކަރަންޓީނު ވާން ފުރުސަތު ދޭ ޕްރޮގްރާމެއް އެގައުމުން ފަށައިފި އެވެ.

މީގެ ކުރިން ތައިލޭންޑުގެ ގަވާއިދުތަކުގައި އޮންނަނީ ޔޮޓުގައި ދާ މީހުން 14 ދުވަސް ވަންދެން އެ އުޅަނދުގައި މަޑު ކުރުމަށް ފަހު އިތުރު 14 ދުވަސް ހޮޓަލެއްގައި ކަރަންޓީނު ވާން ޖެހޭ ކަމަށެވެ. ނަމަވެސް އެގައުމުން ތައާރަފް ކުރާ 'ޔޮޓް ކަރަންޓީން ޕްރޮގްރާމް'ގެ ދަށުން ފަތުރުވެރިން ބޭނުން ކުރާ ޔޮޓެއްގައި 14 ދުވަސް ހޭދަ ކުރުމުން އެ މީހުންގެ ކަރަންޓީނުގެ މުއްދަތު ނިމޭނެ ކަމަށް ތައިލޭންޑުގެ ސަރުކާރުން ބުންޏެވެ.

ތައި ސަރުކާރުގެ ޑިޖިޓަލް އިކޮނޮމީ ޕްރޮމޯޝަން އޭޖެންސީއިން ބުނި ގޮތުގައި އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުން ކޮރޯނާވައިރަހަށް ޓެސްޓުކޮށް، ލޭގެ ޕްރެޝަރާއި ހުން ހުރިތޯ ބެލޭނެ 'ސްމާޓް ބޭންޑެއް' އެމީހުންގެ އަތުގައި އަޅުވާނެ އެވެ. އަދި އެ ބޭންޑުން އެ މީހަކު ހުރި ތަނެއް ޖީޕީއެސްއިން ބެލޭނެ އެވެ.

ތައިލޭންޑުން ލަފާ ކުރާ ގޮތުގައި އެ ޕްރޮގްރާމް ފެށުމުން 100 ވަރަކަށް ޔޮޓު އެގައުމަށް ދާނެ އެވެ. އަދި 'ޔޮޓް ފަތުރުވެރިކަމުން' 58 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެގައުމުގެ ސަރުކާރުން އުއްމީދު ކުރެ އެވެ.

ތައިލޭންޑުގައި އަނެއްކާވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެގައުމުން ވަނީ ގޮލްފް ރިޒޯޓްތަކުގައި ކަރަންޓީނު ވުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހު ހުޅުވާލާފަ އެވެ. އަދި އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކޮވިޑް ވެކްސިން ޖަހާފައިވާ މީހުން އެގައުމަށް ދިޔުމުން ކަރަންޓީނު ވާން ޖެހޭ މުއްދަތު ހަތް ދުވަހަށް މަދު ކުރާނެ ކަމަށް ބުނެފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ހެދި މިދިޔަ އަހަރުގެ ކުރީކޮޅު ތައިލެންޑުގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު އެގައުމަށް ދާން ފަތުރުވެރިންނަށް ހުއްދަ ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. އަދި މީގެ ކުރިން ކޮންމެ ދުވަހަކު 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ފަތުރުވެރިން ދިޔަ ތައިލޭންޑަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިޔައީ 10،882 ފަތުރުވެރިން ކަމަށް އެގައުމުގެ ރެއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ނައިޓް ފްރޭންކް ތައިލޭންޑުން ބުންޏެވެ.