ވޮޝިންޓަން (މާޗް 9) : އެމެރިކާ ސިފައިންގެ ދެ ކޮމާންޑެއްގެ ކޮމާންޑަރު ކަމަށް އަންހެން ދެ ޖެނެރަލުން އައްޔަން ކޮށްފިއެވެ.

މީގެތެރެއިން ޓްރާންސްޕޯޓޭޝަން ކޮމާންޑް ނުވަތަ ޔޫއެސްޓްރާންސްކޮމް ގެ ކޮމާންޑަރު ކަމަށް އައްޔަން ކޮށްފައިވަނީ ޖެނެރަލް ޖެކްލީން ވާން އޮވޮސްޓް އެވެ. އަނެއް ކޮމާންޑް ކަމަށްވާ ސަދަން ކޮމާންޑް ނުވަތަ ޔޫއެސް ސައުތުކޮމް ގެ ކޮމާންޑަރަކަށް އައްޔަން ކޮށްފައިވަނީ ޖެނެރަލް ލައުރާ ރިޗަޑްސަން އެވެ.

މި ދެބޭފުޅުންނަށް މަގާމު ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ މި ދެބޭފުޅުންނަކީވެސް އަސްކަރީ ހުނަރާއި، ގާބިލްކަމާ އަދި ތެދުވެރިކަމުގެ އިތުރުން ގައުމަށްޓަކައި އަސްކަރީ ވާޖިބުތައް އަދާކުރުމުގައި މިސާލުތަކާއި ނަމޫނާ ދައްކަވާފައިވާ ދެ ބޭފުޅުންކަމަށް ސިފަކުރައްވައި އެދެބޭފުޅުންނަށް ތާރީފު ކުރައްވާފައެވެ.

އަންހެން ދެ ކޮމާޑަރުންނާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސްގައި

މިދެބޭފުޅުންނަކީ އެމެރިކާގެ ލަޝްކަރުތަކުގެ ދެ ކޮމާންޑްގެ ވެރިން ކަމުގައިވާތީ އެދެބޭފުޅުން އެ މަގާމުގައި ދެމިތިއްބެވޭނީ ސެނެޓްގެ ރުހުން ލިބިގެންނެވެ. ސެނެޓްގެ އަޣްލަބިއްޔަތު އޮތީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގައި ކަމަށްވާތީ ބައިޑެންގެ މިނިންމެވުމަށް ސެނެޓުން ރުހުން ދޭނެކަމަށް ބެލެވެއެވެ.

2018 ވަނަ އަހަރު އެމެރިކާގެ ނޮދަން ކޮމާންޑް ނުވަތަ ޔޫއެސްނޯތްކޮމް ގެ ކޮމާންޑަރުކަމުގެ މަގާމަށް ލޯރީ ރޮބިންސަން ނަމަކަށް ކިޔާ އަންހެން ޖެނެރަލަކަށް ދީފައިވެއެވެ. މިއީ އެމެރިކާ ސިފައިންގެ ކޮމާންޑެއްގެ ކޮމާންޑަރުކަމުގެ މަގާމު އަންހެން ބޭފުޅަކަށް ދިން ފުރަތަމަ ފަހަރެވެ.

އެމެރިކާ ސިފައިންގެ ދެ ކޮމާންޑެއްގެ ކޮމާންޑަރު ކަމަށް ބައިޑެން އަންހެން ދެ ޖެނެރަލުން އިއްޔެ އައްޔަންކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައި އިއްޔެ ފާހަގަކުރި ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގައި އަންހެން ބޭފުޅުން ހޯއްދަވަމުން ގެންދަވާ ކާމިޔާބީ ގިނަކަން ފާހަގަކުރައްވައި އެ ކާމިޔާބީ ތަކަށް ބަލައި އެކަމުގެ އަގުވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ ސިފައިންގެ ތެރޭގައި އަންހެނުން ގިނަ ނަމަވެސް އިސް ޖެނެރަލުންގެ ފެންވަރަށާ އަދި ކޮމާންޑްތަކުގެ ކޮމާންޑަރުންގެ ލެވެލްއަށް ދާދިފަހުންނޫނީ އަންހެނުން ބޭފުޅުން ޕްރޮމޯޓް ނުކުރެއެވެ. (ނޫސްއެޖެންސީތައް)