ޑިމޮކްރަސީ އަށް ބަދަލުވުމަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވުމަށާއި ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އދ.ގެ ސިޔާސީ ވަފުދެއް ރާއްޖެ އަންނަން ހަމަޖައްސައިފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރުޖަމާނު މާޓިން ނެސާކީ އާ ހަވާލާދީ ޔޫއެން ނިއުސް ސެންޓަރުން ބުނީ އެ ޖަމިއްޔާގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓްގެ ވަފުދެއް ރާއްޖެ އަންނަ ކަމަށާއި އެވަފުދު ރާއްޖެ އަންނާނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

އެ ވަފުދުގައި އިސްކޮށް ހުންނަވާނީ އދ. އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލް ޕޮލިޓިކަލް އެފެއާޒު ފެރްނާންޑޭޒް ޓެރެންކޯ އެވެ.

"ރާއްޖޭގެ މިހާރުގެ ހާލަތާއި ޑިމޮކްރަސީ އަށް ބަދަލުވުމަށް ކުރާ މައްސަކަތްތައް އެހީތެރިވުމުގެ ގޮތުން ކޮށްދެވެން ހުރި ކަންތައްތައް ބެލުމަށް، ވަފުދުން ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިވިލް ސޮސައިޓީގެ މަންދޫބުންނާ ބައްދަލުކުރާނެ،" ނެސިރްކީ ވިދާޅުވިކަމަށް ޔޫއެން ނިއުސް ސެންޓަރުގައިވެ އެވެ.

އދ. އިން އަދި ބުނީ ރާއްޖެ ޑިމޮކްރަސީ އަށް ބަދަލުވުމަށް ކުރާ މަސައްކަތުގައި ފާއިތުވި ދެތިން އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް ދެކެވޭ ގޮތާއި ހަގީގަތް އޮތް ގޮތާ ދެމެދު އަދިވެސް ދުރުމިނެއް ހުރި ކަމަށް މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރެއްވި އދ.ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ނަވި ޕިއްލޭ ވިދާޅުވެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ އެކަމާ ގުޅިގެން މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ދުނިޔޭގެ ގައުމުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން އަންނަނީ ކަން ބޮޑުވުން ފާޅުކުރަމުންނެވެ.