އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައި ނުގަންނަވާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް، ވަޒީރުކަމުން ވަކިކުރި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މަޖިލިސް މެމްބަރުން އިސްވެ، މި ސަރުކާރުގެ ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރުކަމުން ވަކިކުރި، މަލީހް ވަނީ ރޭ އިދިކޮޅު ޕީޕީއެމް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެފަ އެވެ.

މަލީހް މިއަދު "ސަން"އަށް ވިދާޅުވީ، ރޭގެ ހަރަކާތުގައި ބައިވެރިވީ އޭނާ ނިސްބަތްވާ ފުވައްމުލަކު ޒުވާނުންގެ ދައުވަތަކަށް ކަމަށާއި އެއީ އެއްވެސް ހާލެއްގައި އިދިކޮޅު ކޯލިޝަންއާ ގުޅުމެއް ނޫން ކަމަށެވެ. އިދިކޮޅު ކޯލިޝަންއާ ރަސްމީކޮށް ނުގުޅުނު ނަމަވެސް، އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ނެތް ދާއިރާތަކަށް އަޅުގަނޑު ކެމްޕެއިން ކުރާނީވެސް، މަސައްކަތް ކުރާނީވެސް އެމްޑީޕީ ފިޔަވައި ދެން ތިބި ކެންޑިޑޭޓުންނަށް. އެއީ ޕީޕީއެމް ވިޔަސް، އަދާލަތު ޕާޓީ ވިޔަސް، މިނިވަން ކެންޑިޑޭޓުންވިޔަސް. އެމްޑީޕީއާ ދެކޮޅަށް،" ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރަނީ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް އެޕާޓީއަށް ލިބިއްޖެ ނަމަ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމް ގެނައުމަށް އިތުރު ބާރެއް ލިބޭނެތީ ކަމަށެވެ. އަދި އެކަން އެގޮތަށް ވުމަށް ދޫކޮށްނުލާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

"ބޮޑު އަގުލަބިއްޔަތެއް ލިބިއްޖެނަމަ، ބަރުލަމާނީ ނިޒާމަށް ރާއްޖެ ފުރޮޅާލުމަށް ރައީސް ނަޝީދަށް ލިބޭ އިތުރު ބާރަކަށް ވާނެ. އެހެންވީމަ އަޅުގަނޑުމެން، މި ކޮޅު ތިބި ހުރިހާ ޕާޓީއަކީ ރިޔާސީ ނިޒާމަށް ތާއީދު ކުރާ ޕާޓީތައް، އެ ނިޒާމް ބީވެގެންދާކަށް ބޭނުންމެއް ނޫން،" މަލީހު ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް ބޮޑު ވަޒީރުކަމުގެ މަގާމު ނުލިބިގެން ރަނގަޅަށް ނިދި ނުކުރެއްވިގެން އެ އުޅެނީ. އެހެންވީމަ އެ ފުރުސަތު ނުދިނުމަށް އަޅުގަނޑުމެންނަށް ވެވެން އޮތް ގުރުބާނީއެއް ވާން އެބަޖެހޭ،"

މަލީހު ވިދާޅުވީ، އޭނާއަކީ އަދިވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށާއި އެގޮތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ކުރައްވާ މަސައްކަތެއް ކުރައްވަނީ ރިޔާސީ ނިޒާމްގެ ދިފާއުގައި އެމްޑީޕީއާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަށް ކޯލީޝަން މަތިން ހަދާންވަނީ ކޮންމެ ފަހަރަކު އިންތިހާބެއް އައުމުން. ކޯލިޝަން [އްގްރިމަންޓް] ތެރެއިން ޖުމްހޫރީ ޕާޓީއާއި އަދާލަތާއި އެމްއާރުއެމްއަށް ދޭން ޖެހޭ އެތައް މަގާމުތަކެއް ނުދެއްވާ އެހުރީ. ބުރަ މަސައްކަތް ކުރި މީހުން މަގުމަތީގައި އެތިބީ،" އެމްޑީޕީއަށް ފާޑުވިދާޅުވަމުން މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯލިޝަންގެ އެހެން ޕާޓީތަކަށް މަގާމުތައް ނުދޭއިރު، އެމްޑީޕީ އެކްޓިވިސްޓުންނަށް "ކޮންމެ ދުވަހަކު މަގާމުތަކަށް" އައްޔަންކުރަމުންދާ ކަމަށެވެ.

"އެހެންވީމަ މި ދަންނަވަނީ ކޯލިޝަން އޮތީ ނަމެއްގައޭ. ކޯލީޝަން އޮތީ ރޫޅިފައޭ،" މަލީހު ވިދާޅުވި އެވެ.

މަލީހް ރޭ ބައިވެރިވަޑައިގެންނެވި ޖަލްސާގައި ޕީޕިއެމް/ޕީއެންސީގެ ލީޑާޝިޕް އިސްވެރިންނާއި މަލީހުއާ އާއިލީ ގޮތުން އަދި ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮންނަ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.