09 Mar 2021, 12:45
ސްޓެލްކޯގެ ސްޓާފް ހައުސިން ޕްރޮޖެކްޓުގެ ދަށުން ފްލެޓް ދޫކުރި އުސޫލު މުރާޖައާކުރަން އަންގަން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމައިފި އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރާ ފްލެޓުތަކުގެ މައްސަލައާއި މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަވާ އުސޫލާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ކޮމިޓީން ނިންމައި މިއަދު ވަނީ ތަޅުމަށް ހުށަހަޅައިފަ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ސްޓާފް ހައުސިން ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރި ދެ ޓަވަރެއްގެ އެޕާޓްމަންޓުތައް ވިއްކާފައި ވަނީ ސްޓެލްކޯ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން އަދި ތަފާތު މަރުހަލާގެ މަތިން ގަވާއިދުތައް ބަދަލުކޮށްގެން ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ސްޓެލްކޯގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ، އަދި މުވައްޒަފުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަންޖެހިފައިވާ މުވައްޒަފުންނަށް ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަނިވާގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް، ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަންނަނީ ލަފާގެ މަތިން އެ ޕްރޮޖެކްޓުންގެ ދަށުން ފްލެޓު ދޫކުރަން އެކުލަވާލާފައިވާ އުސޫލު މުރާޖައާކުރަން ސްޓެލްކޯއަށް އަންގަން ކޮމިޓިން ވަނީ ފާސްކޮށްފަ އެވެ.
ހަމައެއާ އެކު ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފެލްޓު ހައްގުވާ ފަރާތްތަކަށް ފްލެޓު ލިބޭނެ ގޮތަށް، އުސޫލު މުރާޖައާކޮށް، ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ނުގެންދަން އަންގަން ވެސް ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން ދެން ނިންމާފައި ވަނީ މިނިސްޓްރީގެ މަޝްވަރާއާއެކު ފްލެޓް ހައްގުވާ މުވައްޒަފުން ކަނޑައެޅުމަށް ފަހު، ފްލެޓު އިތުރުވާނަމަ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ފްލެޓުތައް ދޭނެ ނިޒާމެއް ކަނޑައަޅަން ސްޓެލްކޯއަށް އެންގުމަށެވެ.
ސްޓެލްކޯގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ، އަދި މުވައްޒަފުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަންޖެހިފައިވާ މުވައްޒަފުންނަށް ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަނިވާގޮތަށް އުސޫލު އެކުލަވާލި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެންޓިކޮރަޕްޝަން ކޮމިޝަނަށް އަންގަން ވެސް ކޮމިޓީން ފާސްކުރި އެވެ.
އިންޝުއަރެންސް ހިދުމަތަކީ ރަޖިސްޓާކޮށްގެން ކުންފުނިތަކުންދޭ ހިދުމަތަކަށް ވާތީ، އިން-ހައުސްކޮށް އެ ހިދުމަތް ދިނުމަކީ ބެސްޓް ޕްރެޓިސް ނޫން ކަމަށާއި އިންހައުސްކޮށް އެ ހިދުމަތް ދިނުމުގެ ބަދަލުގައި ރާއްޖޭގައި ގާއިމުވެފައިވާ ނިޒާމުގެ ތެރެއިން އެކަން ކުރުމަށް ވެސް ކޮމިޓީން ވަނީ އަންގައިފަ އެވެ.
ސްޓާފް ހައުސިންގެ ތެރެއިން ސްޓެލްކޯގެ ސްޓާފުންނަށް 15 ފަންގިފިލާގެ ދެ ރެޒިޑެންޝަލް ބިލްޑިންގް އިމާރާތް ކުރަން ހަވާލުކުރި އެވެ. އެއީ ޖުމްލަ 384 އެޕާޓްމެންޓް އެވެ.
އޭގެ ތެރެއިން އެއް ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ވިއްކަން ހަމަޖެއްސި އެވެ.