09 Mar 2021, 12:27
ބްރެޒިލިއާ (މާޗް 9): ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން ކުރި ހުކުމްތައް އެގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ބާތިލު ކުރައްވައިފި އެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެޑްސަން ފަޗިން ވިދާޅުވި ގޮތުގައި ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގެ ބާރު އެގައުމުގެ ކުރިތީބާގެ ކޯޓަކަށް ލިބިގެން ނުވެ އެވެ. އަދި އެ މައްސަލަތައް ބަލަން ޖެހޭނީ ފެޑެރަލް ކޯޓަކުންނެވެ.
އެހެންކަމުން ފެޑެރަލް ކޯޓެއްގައި ލޫލާގެ މައްޗަށް ދައުވާތައް ސާބިތު ވަންދެން އޭނާގެ ސިޔާސީ ހައްގުތައް އަލުން ވަނީ ލިބިފަ އެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުުގެ ފުރުސަތު ލޫލާއަށް މިހާރު ވަނީ ލިބިފަ އެވެ.
އެ އިންތިހާބުގައި ބްރެޒިލްގެ މިހާރު ރައީސް ޖައިރު ބޮލްސޮނާރޯވެސް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި ބޮލްސޮނާރޯ ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ބަދަލު ކުރާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ޖަލަށް ލާން ހުކުމް ކުރީ ބްރެޒިލްގެ އެންމެ ބޮޑު ކޮރަޕްޝަން ތަހުގީގު ކަމަށްވާ "އޮޕަރޭޝަން ކާ ވޮޝް"އާ ގުޅުން ހުރި މައްސަލައެއްގަ އެވެ. އެއީ ދައުލަތުގެ ތެޔޮ ކުންފުނީގައި އިސްކޮށް ތިއްބެވި އޮފިޝަލުން ކޮންސްޓްރަކްޝަން ކުންފުނިތަކުން ރިޝްވަތު ނަންގަވާ، އޭގެ ބަދަލެއްގެ ގޮތުން އެ ކުންފުނިތަކަށް ބޮޑެތި ކޮންޓްރެކްޓުތައް ދިން ކަމަށް ބުނާ މައްސަލައެކެވެ.
ބްރެޒިލްގެ ފުލުހުން ބުނި ގޮތުގައި ރިޝްވަތުން ލިބުނު ފައިސާ ލޫލާގެ ވޯކާސް ޕާޓީން ވޯޓު ގަތުމަށާއި، ސިޔާސީ ފަރާތްތަކަށާއި ކެމްޕޭންތަކަށް ހަރަދު ކުރުމަށް ބޭނުންކޮށްފައިވެ އެވެ.
ލޫލާގެ މައްޗަށް ފުރަތަމަ ސާބިތުވީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯއޭއެސް އިން ރިޝްވަތުގެ ގޮތުގައި ދިން އެޕާޓްމެންޓެއް ގަބޫލުކުރެއްވި ދައުވާ އެވެ. އެ މައްސަލައިގައި އޭނާ 12 އަހަރަށް ޖަލަށް ލާން 2018 ވަނަ އަހަރު ހުކުމް ކުރި އެވެ.
އޭގެ ފަހުން ޖެހިގެން އައި އަހަރު ލޫލާގެ މައްޗަށް އަނެއްކާވެސް ރިޝްވަތު ގަބޫލު ކުރެއްވި ކަމުގެ ދައުވާ ސާބިތުވެ، އިތުރު 12 އަހަރާއި 11 މަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.
އެ މައްސަލަތަކާ ގުޅިގެން ލޫލާ ޖަލަށްލި ނަމަވެސް، އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފުކޮށް ނުނިމެނީސް އޭނާ ޖަލަށް ނުލެވޭނެ ކަމަށް ސުުޕްރީމް ކޯޓުން ހުކުމްކޮށް، 2019 ގައި ލޫލާ ދޫކޮށްލި އެވެ. ނަމަވެސް އޭނާގެ ކްރިމިނަލް ރެކޯޑުގެ ސަބަބުން ސިޔާސީ މަގާމުތަކަށް ވާދަ ކުރުމުގެ ފުރުސަތު އޭރު އޮތީ ގެއްލިފަ އެވެ.
ބްރެޒިލްގައި 2003އިން 2011އަށް ވެރިކަން ކުރެއްވި ލޫލާ ވަނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ އެ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.