ކޮވިޑް19އިން ދިފާއުވުމަށް ވެކްސިން ޖެހި ފަހުން މަސްވެރިޔަކު މަރުވި މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.

އއ. މާޅޮސްގެ ނަފާ ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަން ކުރާ އުމުރުން 45 އަހަރުގެ އެ މީހާ މަރުވީ މިއަދު އެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ހާލު ދެރަވެގެން އެމީހާ ހިންމަފުށީ ސިއްހީ މަރުކަޒަށް ގެނެވުނު އެމީހާ މަރުވެފައިވަނީ މިއަދު ހެނދުނު 9:13 ގައެވެ.

އޭނާ ވެކްސިން ޖަހާފައި ވަނީ އިއްޔެ މާޅޮހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، އަމަލުކުރަމުން އަންނަ އާންމު އުސޫލުގެ ދަށުން އެ މަރުގެ ހަގީގަތް ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

ވެކްސިނާ ގުޅުމެއް ނެތް ނަމަވެސް، މަރުވުމާއި ސިއްހީ ގޮތުން ނުރައްކާތެރި ކަންކަން ހިނގައިފާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިދިޔަ މަހު ގދ. ގައްދުއިން ވެކްސިން ޖެހި އުމުރުން ދުވަސް ވީ ދެމަފިރިޔަކު މަރުވި މައްސަލައެއްވެސް އެޗްޕީއޭއިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ދެމަފިރިންނަކީ، ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތް ދެމަފިރިންނެވެ. މިހާތަނަށް އެ ތަހުގީގު މައުލޫމާތެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ބޭނުންކުރަމުން އަންނަ "ކޮވިޝީލްޑް" ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެވެ. އެ ވެކްސިންއަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައިވާ ވެކްސިން އެކެވެ.