14:30


ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލްގައި ދަރިވަރުންނާ މެދު އިންސާނިއްޔަތާ ޚިލާފް ޢަމަލަތަކެއް ހިންގަމުންދާ ކަމަށް ބުނެ އެ ސްކޫލްގެ ރަޖިސްޓްރީ ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެޑިޔުކޭޝަން މިނިސްޓްރީ އަށް ލަފާ ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.


ލާލޭ ސްކޫލްގައި ހުރި މައްސަލަ ތަކާ ބެހޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ ރިޕޯޓާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރގެ ނައިބު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ އެ ސްކޫލްގައި މައްސަލަތަކެއް ހުރިކަން ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންތައްތައް އެމިނިސްޓްރީއަށް ފާހަގަކުރެވި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީން ސުޕަވިޝަނާ ބެހޭ ޑިވިޝަނުން ސުޕަވިޝަން ކުރިއަށްގެން ގޮސް ފާހަގަކުރެވުނު ކަންތައް ޖެންޑަރ ޑިޕާޓްމަންޓަށް ވެސް ހުށަހަޅާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ. އެ ސްކޫލްގެ ރަޖިސްޓްރީ ބާތިލްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެ މިނިސްޓްރީ އަށް ލަފާދީފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމަށް ގޮތެއް ނިމިގެންދާނީ އޭޖީ އޮފީހާ އެކު މިހާރު ކުރަމުންދާ މަޝްވަރާތަކަށްފަހު ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.


ޝިފާ އިތުރަށް ވިދާޅުވީ އެ ސްކޫލްގެ ޕްރިންސިޕަލްގެ ކޮލިފިކޭޝަން ވަޒީފާގެ ބަޔާނާ ޚިލާފްވެފައިވާތީ އެކަން ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެޑިއުކޭޝަނުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ބޮޑަށް ލާލޭ ސްކޫލަށް ދިވެހި ސްޓާފުން ލައިގެން ކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.


ލާލޭ ސްކޫލްގައި އިންސާނީ ހައްގުތަކާ ޚިލާފް ކަންތައްތަކެއް ހިނގަމުންދާކަމުގެ ޝަކުވާތަކެއް ހި އެޗްއާރްސީއެމަށް ލިބުމާ ގުޅިގެން އެ ކޮމިޝަނުން އެކަން ތަހްގީގްކޮށް މިދިޔަ ހަފްތާގެ ތެރޭ އާއްމުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ކުދިންގެ ގައިގައި ބެލްޓުންނާއި، އަތުންނާއި، ފައިލުން އަދި ފޮތުން ޖެހުމާއި، ދަރިވަރުންގެ ކޮނޑުމަތީގައި އިންނަ ވަކި ނާރަކާ ދިމާލުގައި ވިކާ އަދި ޖަހާ ހަދާ ކަމަށާއި، ތަޅުދަނޑިފަތި ކުދިންނާ ދިމާލަށް އެއްލާ، ދަރިވަރުން އަވީގައި ކޮޅަށް ބަހައްޓާ، ސްކޫލުތެރޭގައި ގިނަ އިރުތަކެއް ވަންދެން ގަދަކަމުން ދަރިވަރުން ދުއްވާ ކަމަށެވެ. އަދި ތުއްތު ކުދީން ބިރުގެންނެވުމުގެ ގޮތުން އެ ކުދީންނާ ދިމާލަށް އަޑުހަރުކޮށް ހަޅޭއްލަވާ ހުތުރު ބަހުން މުޚާތަބުކޮށް، ހަމުގެ ކުލަޔަށް ބަލައި ކުދީންނާ މެދު ތަފާތުކޮށް، އަންހެން ދަރިވަރުންނަށް އަގުހުރި ހަދިޔާތައް ދެމުންގެންދާކަން ވެސް އެޗްއާރްސީއެމްގެ ރިޕޯރޓްގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން އެ ސްކޫލްގެ ތެރޭގައި ދަރިވަރުންގެ މެދުގައިވެސް ކަންބޮޑުވާންޖެހޭ ފަދަ ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދަރިވަރުން ދަރިވަރުންނަށް ބުލީކުރާކަން ފާހަގަކޮށްފައިވެ އެވެ.