09 Mar 2021, 11:19
ވަކި ކުންފުންޏެއްގައި ވަޒީފާ އަދާކުރުމަކީ އެމީހަކަށް ބޯހިޔާވަހިކަން ދޭންޖެހޭ ސަބަބެއް ނޫން ކަމަށާއި، ބޯހިޔާވަހިކަން ލިބެންޖެހޭނީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުއްޖެ އެވެ.
އީވާ މިހެން ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރާ ފްލެޓުތަކުގެ މައްސަލައާއި މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަވާ އުސޫލާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
މިދިޔަ ސަރުކާރުން "ހިޔާ" މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އެ ކުންފުނިތަކާ ހަވާލުކޮށްގެން ވަނީ ސްޓާފް ހައުސިން ޕްރޮޖެކްޓެއް ފަށައިފަ އެވެ.
އެ މައްސަލައިގައި އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު އީވާ ވިދާޅުވީ، ސްޓާފް ހައުސިން ޕްރޮޖެކްޓަކީ އެންމެ ކުރިން ފެށިގެން ވެސް މެމްބަރު ދެބަސްވާ ކަމެއް ކަމަށެވެ.
އީވާ ވިދާޅުވީ ވަކި ތަނެއްގައި މަސައްކަތް ކުރާތީ ބޯހިޔާވަޖިކަން ލިބެން ނުޖެހޭ ކަމަށެވެ. އަދި މާލެ ފަދަ ބިމުގެ ދަތިކަން އިންތިހާއަށް އޮތް، އަދި އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމާ ގޯއްޗަށް ބޭނުންވެފައި އޮތް ތަނެއްގައި، ވަކިވަކި ކުންފުނިތަކުން ނިޒާމުތަކާއި އުސޫލުތައް ކަނޑައަޅައިގެން ވަކި ބަޔަކަށް ފްލެޓު ދިނުމުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭކަން ފާހަގަކުރައްވައިފަ އެވެ.
"ބޯހިޔާވަހިކަން ލިބެންޖެހޭނީ ޖުމްލަގޮތެއްގައި ރަށު ތެރެއަށް ބަލައިގެން، އެކަމަށް އެންމެ ބޭނުންޖެހިފަވާ މީހުންނަށް. އެއްވެސް ހާލެއްގަ ވަކި ތަނެއްގައި މަސައްކަތް ކުރާތީ ލިބިގެނެެއް ނުވާނެ. މިސާލަކަށް ސްޓެލްްކޯގައި މަސައްކަތް ކުރީ ފަންސަވީސް އަހަރު. އެސްޓީއޯގަ މަސައްކަތް ކުރީ ތިރީސް އަހަރު. އެކަމަކު މާލޭގަ އެބަ އޮތް ތިން ގޯތި، ހަތަރު ގޯތި، ފަސް ގޯތި. އެހެންކަމަށް ވަންޏާ އެމީހާއަކަށް ލިބިގެނެއް ނުވާނެ،" މެމްބަރު ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ކޮންމެ ތަނެއްގައި މަސައްކަތް ކުރި ނަމަވެސް، ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން ދާންޖެހޭނީ މައިގަނޑު އެއް ޕްރޮގްރާމުގެ ދަށުން ކަމަށެވެ.
"އެމީހަކު މަސައްކަތްކުރާ ތަނެއްގެ ސަބަބުން އެމީހަކަށް ވަކި ބޯހިޔާވަހިކަން ދޭންޖެހިގެނެއް ނުވާނެ،"
މާލޭގައި ބޯހިޔާވަހިކަން ލިބެންޖެހޭ މީހުން އެންމެ ރަނގަޅަށް އެނގެން ޖެހޭނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި، ކުންފުނިތަކުގެ ވެރިންނަށް އެކަން ނޭނގޭނެ ކަމަށް ވެސް މެމްބަރު އީވާ ވިދާޅުވި އެވެ. އެހެންކަމުން ވަކިވަކި ކުންފުނިތަކަށް ބޯހިޔާވަހިކަން ދޫކުރަން ދީގެން ނުވާނެ ކަމަށާއި، އެގޮތަށް ކުރިއަށްދާނަމަ ބޯހިޔާވަހިކަން އެންމެ ބޭނުން މީހާ ބާކީވާނެ ކަމަށެވެ.
އީވާ ވިދާޅުވީ ކުންފުނިތަކުން ބޯހިޔާވަހިކަން ދޭނަމަ، ސިޔާސީ މީހުންނާ ގާތް މީހުންނަށް ކުންފުނިތަކުން ވަޒީފާ ދީ، ބޯހިޔާވަހިކަން ދީ ވަޒީފާއިން ވަކިވާންވީ ކަމަށެވެ. އަދި "ވެށިފަހި" ޕްރޮޖެކްޓުން ބޯހިޔާވަހިކަން ލިބުނު މީހުންނަށް ވެސް ހިޔާ އިން ފްލެޓު ލިބުނު ކަމަށެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ރަނގަޅަށް ނުބެލޭ ކަމަށާއި. ކުންފުނިތަކަކީ "ވަކި ދައުލަތެއްގެ" ގޮތުގައި ހިންގަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.
ސްޓާފް ހައުސިންގެ ތެރެއިން ސްޓެލްކޯގެ ސްޓާފުންނަށް 15 ފަންގިފިލާގެ ދެ ރެޒިޑެންޝަލް ބިލްޑިންގް އިމާރާތް ކުރަން ހަވާލުކުރި އެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ބުނި އިރު ދެ އިމާރާތުގައި ސްޓެލްކޯ ސްޓާފުންނަށް 349 އެޕާޓްމަންޓް ހުންނާނެ އެވެ.
އެޕާޓްމަންޓުތަކުގެ އަދަދު 384 އިން 349 އަށް މަދުވީ، ސަރުކާރުން ކަނޑައަޅާ އަގެއްގައި ސަރުކާރަށް ވިއްކަންޖެހޭ ކަމަށް ކަނޑައެޅި އެއް ކޮޓަރީގެ 72 އެޕާޓްމަންޓު ނުގަންނަން މި ސަރުކާރުން ނިންމުމާއެކު، ބައެއް ތަންތަން ދެ ކޮޓަރީގެ ތަންތަނަށް ބަދަލު ކުރުމުންނެވެ.